ސްޕެނިޝް ލީގު ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ގައި ރޭ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި ފޯރި ގަދަ މެޗު އެއްވަރު ވެއްޖެއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި (ކޭމްޕް ނޫ ) ގައި ކުޅެވުނު ' އެލް ކުލެސިކޯގައި ' 1-1 ގެ ނަތީޖާ އަކުން މެޗު އެއްވަރު ވި ނަމަވެސް ރެއާލް މެޑްރިޑް ގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ.
ގިނަ ބަޔަކު އުންމީދު ކުރި ފަދައިން އެ މެޗު ވެގެން ދިޔައީ ގިނަ 'ޑުރާމާ' ތަކެއް ހިނގައި ދިޔަ ވާދަވެރި މެޗަކަށެވެ. ދެ ޓީމުގެ ފަރާތުން ވެސް ފުޓުބޯޅަ މެޗެއްގައި ފެނިގެން ދާންޖެހޭނެ ފަދަ ހުރިހާ ކަމެއް ކަހަކަ ގޮތަކަށް ފެނިގެން ވަނީ ގޮސްފައެވެ.
މެޗު ފެށިގެން ޑޮމިނޭޓުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާ ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރެއާލް މެޑްރިޑް އެވެ. ފުރަތަމަ ފަސް މިނަޓުގެ ތެރޭގައި ރެއާލް ގެ ޒުވާން ފޯވާޑު ވިންޝަސް ޖޫނިއާ ނަގައިދިން ހުރަހެއް އެ ޓީމުގެ ކަރިމް ބެންޒީމާ ގޯލު ކުރިމައްޗަށް ފެނު ޖައްސާލަ ދިނުމުން ގޯލު ތެރެއަށް ފޮނުވާލީ ލޫކަސް ވަޒްކުއަޒް އެވެ.
މި ގޯލާ އެކު ބާސެލޯނާގެ ކުޅުން ރަނގަޅު ކޮށް ގިނަ ހަމަލާ ތަކެއް އުފެއްދިއެވެ. އަދި އެމީހުންގެ ރަސްމީ ކުޅުމުގެ ވައްޓަފާޅި ކަމަށްވާ "ޓިކީ ޓަކާ" ގެ ނަލަ ކުޅުން ކުޅެން ފެށުމުން ރެއާލް އަށް ޕުރެޝަރު ބޮޑުވިއެވެ.
އެގޮތުން މެޗުގެ 32 ވަނަ މިނަޓުގައި ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ އީވާން ރަކިޓިކް ފޮނުވާލި ހަމަލާއެއް ގޯލު ހުރަސް ދަނޑީގައި ޖެހިފައި ނުކުތެވެ. އަދި މީގެ އިތުރުން ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ހަމަލާއެއް ވެސް ދަނޑީގައި ކޭތިލާފައި ބޭރަށް ދިޔައެވެ.
ދެވަނަ ހާފުގައި ވެސް ބާސެލޯނާގެ ފަރާތުން ފެނިގެން ދިޔައީ މުޅި މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ތަނެވެ. މަދު ފަހަރެއްގައި ނޫނީ ރެއާލް އަތުގައި ބޯޅަ ނޯވެއެވެ. މިގޮތުގައި މާ ގިނައިރު ތަކެއް ނުވަނީސް ބާސެލޯނާގެ ބްރެޒިލް ފޯވާޑް މަލްކޮމް ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. އޭނާ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.
ބާސެލޯނާގެ ގޯލަށް ފަހު ރެއާލުން ޓީމު ކުރިއަށް ޖައްސައި އެޓޭކް ކުރުމަށް އަވަސް ވެގަތެވެ. ނަމަވެސް ބާސެލޯނާގެ ކޯޗު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެން ނެރުމާ އެކު ރެއާލަށް ފަހަތުގައި މަޑު ކުރަން މަޖުބޫރުވި އެވެ. މެސީގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ރޭގެ މެޗުގެ ފުރަތަމަ 11 ގައި އޭނަ ހިމަނާފައި ނުވި ނަމަވެސް ކުޅެން އެރި ހިސާބުން އޭނަގެ ތަފާތު ފެނިގެން ދިޔައެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން މިމަހުގެ 27 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާ އިރު ދެ ޓީމުގައި މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިން އެހާތަނަށް ފިޓުވާނެ ކަމުގެ ފެހި ސިގުނަލް ދެ ޓީމުންވެސް ވަނީ ދީފައެވެ.