ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" މިވަނީ އިއްޔެ ރޭ ރިލީޒްކޮށްފައެވެ. މި ފިލްމަކީ "މާސްޓާޕީސް"އެއް ކަމަށް ފިލްމު ބަލަން ދިޔަ އެންމެން އިއްތިފާގުވެއެވެ.
މޫމިން ފުއާދުގެ ވާހަކައަކަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް އަހުމަދު ޝިނާން ޑައިރެކްޓްކުރި މި ފިލްމަކީ ތަޅާފޮޅުން ގިނަ މިއަދުގެ މުޖުތަމައުއާ ވަރަށް ގުޅޭ ފިލްމެކެވެ.
ފިލްމުގެ އެޑިޓިން މަސައްކަތްކޮށްފައިވަނީ ޝިނާނެވެ. މޭކަޕް އާޓިސްޓަކީ އިސްމާއިލް ޖުމައިހް އެވެ. އޭނާ ވަނީ ފިލްމުން ފެނިގެން ގޮއްސައެވެ.
ތަރިން
ޖުމައްޔިލް ނިމާލް (އައިމަން)، ރަޝްފާ (ނިއުޝާ)، އަޒާން (ސޮއްފާން)، ޒަކިއްޓެ (ހުޝާމް) ތަސްނީމާ (ޒައިނާ).
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)
މިއީ މޫމިން ފުއާދުގެ ވާހަކައަކަށް އަހުމަދު ޝިނާން ޑައިރެކްޓްކުރި ފުރަތަމަ ސޯލޯ ފިލްމެވެ. މި ފިލްމަކީ ކްރައިމް ތްރިލާއެކެވެ.
ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖެއްގެ ސަބަބުން ދެ މީހެއްގެ ދެމެދު ހިނގާ ހަމަނުޖެހުންތަކެވެ.
އައިމަން އާއި ޒައިނާ ދިމާވަނީ އައިމަންގެ ކޮއްކޮ ނިއުޝާގެ ފަރާތުންނެވެ. އައިމަން އަކީ އެންމެ ކުރީއްސުރެ ވެސް އަންހެން ކުދިންނަށް ނުހަނު ފޯރި ހުންނަ ޒުވާނެކެވެ. ނަމަވެސް ޒައިނާ އޭނާގެ ދިރިއުޅުމަށް އަންނަ ހިސާބުން އޭނާގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެއެވެ.
ބޮޑު ހަމަނުޖެހުމުގެ ތެރެއަށް އޭނާއަށް ވަންނަން ޖެހެއެވެ. ހުޝާމްގެ ނުބައި ރޭވުމުން ޒައިނާ ސަލާމަތްކުރުމަށް އަތުކުރި އޮޅާލާ މަސައްކަތްކުރި ނަމަވެސް އެކަން ކޮންމެ ފަހަރަކުވެސް ވަނީ ބޭކާރެވެ. ޒައިނާއަށް ހުޝާމްގެ ހަގީގަތް އަންގައިދޭން މަސައްކަތްކުރާ ވަރަކުން އައިމަންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓެއެވެ.
ހުޝާމް އައިމަން އެންމެ ލޯބިވާ މީހުންގެ ފުރާނައަށް ގެއްލުންދޭން މަސައްކަތްކޮށް އޭނާގެ ދިރިއުޅުން ބޮޑު ހައިޖާނުގަނޑަކަށް ހަދާލައެވެ.
އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ. އަދި އެ ޓްވިސްޓުވެގެންދިޔައީ އެންމެންނަށް ކަމުދާ ޓްވިސްޓަށެވެ.
ފިލްމު ނިމިގެން ދަނީ ބެލުންތެރިން ހައިރާންކޮށްލާފައެވެ. ތަފާތު ގޮތަކަށް ނިންމުން ގެނެސްފައިވާ އެ ފިލްމު ބަލާލަން ސިނަމާއަށް ވަދެ ތިބި އެންމެނަށް ވެސް ތިބީ ޝައުގުވެރިކަމާއެކު ފިލްމުގެ ތެރެއަށް ރަނގަޅަށް ވެސް ވަދެވިފައެވެ.
ސަކަރާތްޖަހަން އާންމުކޮށް ސިނަމާއަށް ވަންނަ މީހުން ވެސް ތިބީ މައިތިރިވެފައެވެ. ފިލްމަށް ގޮސް ހަމަ ހުސްވެފައެވެ.
"ހުޝާމް"ގެ ރޯލުން ފެނުނު ޒަކިއްޓެއަށް އައްސަރިބަހާ ސާބަސް!
ހަސަން އިރުފާން (ޒަކިއްޓެ) އޭ ބުނުމުން ނޭނގޭނެ ދިވެއްސެއް މަދުވާނެއެވެ. ފިލްމީދާއިރާއިން އޭނާ ނުފެނުނަސް އޭނާ އަކީ މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހާ ތަރިއެވެ. ގޮށްރާޅަކީ ޒަކިއްޓެގެ ފުރަތަމަ ފިލްމެވެ. އަދި އޭނާގެ އެންމެ ފަހުގެ ވެސް ފިލްމެވެ.
ފުރަތަމަ ފިލްމާ އަޅާ ބަލާއިރު ހަމަ ސަތޭކައެވެ. އާ ފަންނާނެކޭ ބުނެވޭ ވަރުގެ އެއްވެސް ޖާގައެއް ނެތެވެ. އޭނާގެ އެ ހުނަރުގެ ސަބަބުން އެންމެން އޭނާގެ ޖާދޫގައި ވަނީ ޖައްސާލާފައެވެ.
އެންމެ މޮޅު އެކްޓަރުގެ މަގާމު ޖުމައްޔިލަށް ހައްގުކަން އޭނާ ސާބިތުކޮށްދީފި!
ނިމިދިޔަ ފިލްމު އެވޯޑުގެ އެންމެ މޮޅު ބަތަލުގެ އެވޯޑު ޖުމައްޔިލަށް ލިބުމުން "ހަޖަމު" ނުވި މީހުންވެސް ތިއްބެވެ. ނަމަވެސް "ގޮށްރާޅު"ގައި އޭނާ ދައްކުވައިދިން މޮޅު އެކްޓުގެ ސަބަބުން އެ މީހުންގެ އަނގަތައް ބަންދުކޮށްލައިފިއެވެ. ކޮންމެ ރޯލެއް ލިބުނަސް އެންމެ ފުރިހަމައަށް ކުޅެލާނެކަން އޭނާ ވަނީ ހަމަ ރަނގަޅަށްވެސް ސާބިތުކޮށްދީފައެވެ.
ޒަކިއްޓެ އާ އެއްވަރަށް ޖުމައްޔިލަށް ވެސް ބެލުންތެރިން ތައުރީފު ވަނީ ކޮށްފައެވެ. އަދި އެ ކަހަލަ ރޯލު މާ ގުޅޭ ކަމަށްވެސް ބައެއް ބެލުންތެރިން ވަނީ ބުނެފައެވެ.
އާ ތަރިންގެ އެކްޓިނަށް ވެސް ސަތޭކަ!
ފިލްމު ބެލި މީހުންނަށް އެނގޭނެތާއެވެ! ރަޝްފާ، ތަސްނީމާ އަދި އަޒާންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ. އަލޭ ބުނެވޭނެ ޖާގައެއް ނެތެވެ. ކޮންމެ މީހެއްވެސް އެ މީހެއްގެ ކެރެކްޓަ ވަރަށް ރަނގަޅަށް ވަނީ ޑެލިވާކޮށްދީފައެވެ. އަލަށް ފިލްމުކުޅޭ ބައެއްހެން ހީވެސް ނުވެއެވެ. ބެލުންތެރިންގެ ތައުރީފު އެތަރިންނަށް ހަމަ ހައްގެވެ.
ޖުމުލަކޮށް ފިލްމުގައި ދެން ފެނުނު ތަރިންގެ އެކްޓިން ވެސް ވަރަށް ފުރިހަމައެވެ. ނުޒުހަތު ޝުއައިބު، ސައީދު، ކޮޕީ އިއްސެ ފަދަ ތަރިންނަށް ސުވާލު އުފެއްދޭނެ ޖާގައެއްނެތެވެ. ޖުމުލަކޮށް ފިލްމުގައި ފެނިގެން ދިޔަ ކޮންމެ ތަރިއެއްވެސް ވަނީ އެ ތަރިއެއްގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކޮށްފައެވެ.
ފިލްމު ފެށުނީއްސުރެ ނިމެން ދެންވެސް ޝައުގުވެރިކާއެކު ފިލްމު ބަލާލަން ތިބި ބެލުންތެރިން ވެސް ބުނަނީ މިއީ މޮޅު އަދި ކޮންމެ މީހަކުވެސް ބަލާލަން ޖެހޭނެ ވަރުގެ ފިލްމެއް ކަމަށެވެ.
ފިލްމުގެ އެންމެ ކުދި މަސައްކަތުން ފެށިގެން އެންމެ ބޮޑެތި މަސައްކަތަށްވެސް އެއްވަނައެވެ. މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅެވެ. ކެމެރާގެ މަސައްކަތާ ވިޝުއަލް އިފެކްޓްސް އަދި ސިނޮމޮޓޮގްރަފީ ވެސް ވަރަށް ހިތްގައިމެވެ. މުޅި ޓީމުގެ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ.
ޝިނާންގެ ފުރަތަމަ ސޯލޯ އާ އަޅާބަލާއިރު މާބޮޑުތަން ވެސް ރަނގަޅެވެ.
މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފައެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފައެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފައެވެ.
އަށާރަ އަހަރުން މަތީ ކޮންމެ އުމުރުފުރާއެއްގެ މީހަކު ވެސް "ގޮށްރާޅު"ބެލުން މުހިއްމެވެ.
ފިލްމަކީ ދިވެހި ސިނަމާއަށް އިންގިލާބެއް ގެނެސްދިން ވަރުގަދަ ކުރައިމް ތްރިލާއެކެވެ. "ގޮށްރާޅު" އަކީ ފަސް ތަރި ހައްގު "ބޮލޮކްބަސްޓާ"އެކެވެ.