މާވެލްގެ ކެރެކްޓަރުން ޓީމެއްގައި މަސައްކަތް ކުރާ އެވެންޖާސް ފިލްމު ސީރީޒްގެ އެންމެ އަވަހަށް ނެރޭ ފިލްމުގެ ކާސްޓު އިއުލާނުކޮށްފިއެވެ.
ޑިޒްނީއިން ގެނެސްދޭ މާވެލްގެ އެވެންޖާސް ސީރީޒަކީ އެންމެ ކުންފުނީގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ސުޕަހީރޯ ފިލްމުތަކުގެ ކެރެކްޓަރުތައް މި ފިލްމުތަކުގައި އެއްތަން ވާނެއެވެ. އެންމެ ފަހުން މިފަދަ ބޮޑު ފިލްމެއް ފެނިފައިވަނީ 2019 ވަނަ އަހަރު ދެއްކި "އެވެންޖާސް : އެންޑްގޭމް"އާ އެކުގައެވެ.
އެންޑް ގޭމްއަކީ ފިލްމު އިންޑަސްޓްރީގައި ވެސް އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެގޮތުން، ޖުމްލަ 2.5 ބިލިއަން ޑޮލަރާ އެކު މި ފިލްމަކީ މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.
https://www.instagram.com/superheroz_universe/p/DD2FJT_PA-Q/?img_index=2
މިހާރު މަސައްކަތް ކުރަނީ އެވެންޖާސްގެ އާ ފިލްމު ނެރުމަށެވެ. އަލަށް ނެރޭ ފިލްމު "އެވެންޖާސް : ޑޫމްސްޑޭ" އަކީ މިހާތަނަށް އެވެންޖާސްގެ ފިލްމެއްގައި އެންމެ ބޮޑު ކާސްޓު ހިމެނޭނެ ފިލްމެވެ. ދާދި ފަހުން ޑިޒްނީން ބޭއްވި އެވެންޖާސްގެ ޚާއްސަ އިވެންޓެއްގައި އާ ފިލްމުގެ ކާސްޓު ވަނީ އިއުލާނުކޮށްފައެވެ.
އަލަށް އިއުލާނުކޮށްފައިވާ ކާސްޓުގެ ތެރޭގައި މާވެލްގެ މީގެ ކުރީން ނެރުނު އެކި ފްރެންޗައިޒްތަކުގެ ކެރެކްޓަރުން ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ އެތައް ކެރެކްޓަރެއް އެނބުރި އަންނާނެ ކަމަށްވަނީ ހާމަކޮށްފައެވެ. މި ކެރެކްޓަރުންގެ ރޯލުން ފެނިގެންދާނީ ވެސް އޮރިޖިނަލް އެކްޓަރުންނެވެ.
އަލަށް އިއުލާނުކުރި ކާސްޓުގެ ތެރޭގައި އެކްސްމެން ސީރީޒްގެ އެކްޓަރުން ހިމެނެއެވެ. އޭގެ ތެރޭގައި ޕެޓްރިކް ސްޓުއާޓްގެ "ޗާލްސް އެކްސް ޒޭވިއާ"އާއި އިއާން މެކްކެލެންގެ "މެގްނީޓޯ" އާއީ ޖޭމްސް މާސްޑެންގެ "ސައިކްލޮޕްސް" ހިމެނެއެވެ.
އޭގެ އިތުރުން ވެސް އަޔަން މޭންގެ ރޯލުން ފެނިފައިވާ ރޮބާޓް ޑައުނީ ޖޫނިއާ އަދި ތޯރުގެ ރޯލުން ފެނިފައިވާ ކްރިސް ހެމްސްވޯތާއި ލޯކީގެ ރޯލުން ފެނިފައިވާ ޓޮމް ހިޑްލްސްޓަން އާ ފިލްމުން ފެންނާނެއެވެ.
ދާދި ފަހުން ބޭއްވި އިވެންޓުގައި ހާމަކޮށްފައިވަނީ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެވެންޖާސްގެ އާ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގައެވެ.