ފާރިސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު ---

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ކަން އިއުލާނު ކުރައްވައިފި އެވެ.

ފާރިސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވާކަން އިއުލާނު ކުރެއްވީ އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ. ފާރިސް ވިދާޅުވި ގޮތުން އޭނާ މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަނީ އެންމެނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށެވެ.

ފާރިސްގެ އުފަން ދާއިރާއަކީ މައްޗަންގޮޅި އުތުރެވެ. ފާރިސް އަކީ މައްޗަންގޮޅި ކިނބިގަސްދޮށުގެ ބޭފުޅެކެވެ.

ފާރިސްއަށް މަރުހަބާ ވިދާޅުވެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށެވެ.

ފާރިސް މަޖިލީހަށް ވާދަ ކުރައްވަނީ ރައީސް މައުމޫނުގެ ރިފޯމް މުމަންޓުގެ ތާއީދާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ވާދަކުރައްވާކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލް މެމްބަރު ބޮޑުގަލު މުހައްމަދު ރަޝީދު އާއި ފާރިސް އެވެ.

ރައީސް މައުމޫންގެ ތާއީދާޢެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ވާދަކުރައްވާކަން އިއުލާނު ކުރެއްވި ބޭފުޅުންގެ ތެރޭގައި ގަލޮޅި ދެކުނު ދާއިރާއަށް އައިމިނަތު ނާދިރާ އަދި ފޮނަދޫ ދާއިރާއަށް އަބްދުﷲ ކަމާލުއްދީން ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް