އެޕަލްއާއި ސެމްސަންގުގެ ފައިދާވެސް ދަށަށް!

ސުމާޓް ފޯނުގެ ބާޒާރުގައި އެންމެ ބާދަވެރި އެޕަލްއާއި ސެމްސަންގުވެސް މިދިޔަ އަހަރު ނިންމާލިއިރު ދެ ކުންފުންޏަށް ލިބުނު ފައިދާ ދަށް ވެއްޖެއެވެ.

ސެމްސަންގް

ކޮރެއާގެ ޓެކް ކުންފުނި ސެމްސަންގަށް މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވެފައިވަނީ އެ ކުންފުނިން ވިއްކާ މެމޮރީ ޗިޕް ވިކޭ މިންވަރު މަދު ވުމުން ކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ. 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 53.3 ބިލިއަން ޑޮލަރެވެ. މިދިޔަ އަަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 53.6 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުކަމަށް ސެމްސަންގުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ތަފާސް ހިސާބުތައް ދައްކައެވެ.

ސެމްސަންގުން ބުނެފައިވަނީ 2018 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ފައިދާ ދަށްވި ނަމަވެސް މިއަހަރު އަލަށްނެތޭ ސެމްސަންގު ގެލެކްސީ އެސް10 އާއެކު އެ ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ކޮރެއާ އަށް ކޮމާޝަލް 5ޖީ ހިދުމަތް ތައާރަފު ކުރުމާއެކު މިއަަހަރު ކުންފުންޏަށް ލިބޭ ފައިދާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސެމްސަންގުން ވަނީ މިއަހަރު އާ ޕްރޮޑަކްޓު ތަކެއްވެސް ބާޒާރަށް ނެރެން ނިންމައިފައެވެ. އެގޮތުން ފޯލްޑަބަލް ސްމާޓް ފޯނަކާއި މައިކްރޯ އެލްއީޑީ ޓީވީ އަކީ މިއަހަރު ސެމްސަންގުން ބާޒާރަށް ނެރޭނެ އެންމެ ވަުގަދަ އުފެއްދުންތަކަށް ވާނެއެވެ.

އެޕަލް

އެޕަލް އަށް ހުސްވި ކުއާޓާރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 84 ބިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ވެއްޓުމެކެވެ. އެޕަލް އިން ބުނެފައިވަނީ ކުންފުުނީގެ ފައިދާ ދަށްވީ އައިފޯނު ވިކޭ މިންވަރު އަންދާޒާ ކޮށްފައިވާ އަދަދަށްވުރެވެސް މަދުވުމުން ކަމަށެވެ.

އެޕަލް އިން ބުނެފައިވަނީ އައިފޯނު ވިއްކައިގެން ކުންފުންޏަށް ލިބުނު އާމްދަނީ 15 ޕަސެންޓު ދަށް ވެފައިވާ ކަމަށެވެ.

ފާއިތުވި ހޮލިޑޭ ސީޒަންގައި އެޕަލްގެ އުފެއްދުންތައް ވިކުނު މިންވަރު މަދުވުމަކީ ކުންފުނީގެ އާމްދަނީ ދަށަށް ދިޔަ ސަބަބެއް ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޗައިނާ މާކެޓުން އެކަށީގެންވާ ތަރުހީބެއް އެޕަލްގެ އުފެއްދުންތަކަށް ނުލިބޭކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް