އާސިއާ ބީބީ ދޫކޮށްލަން ކުރި ހުކުމް ދަމަހައްޓައިފި

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އާސިއާ ބީބީ ދޫކޮށްލަން ކުރި ހުކުމް ދަމަހައްޓާފަ --- ފޮޓޯ: އޭއެފްޕީ

އިސްލާމްބާއާދު (ޖެނުއަރީ 29): އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ މަރަން ހުކުމް ކުރި ޕާކިސްތާނުގެ ނަސާރާ އަންހެނެއް ކަމަށްވާ އާސިއާ ބީބީ ދޫކޮށްލަން މިދިޔަ އަހަރު ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ދެހާސްނުވަ ވަނަ އަހަރު 54 އަހަރުގެ އާސިއާ ބީބީ ހައްޔަރު ކުރީ، އޭނާ އާއި ދެ މުސްލިމް އަންހެނަކާ ދެމެދު އުފެދުނު ދެބަސްވުމެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެވެ. ނަމަވެސް ބީބީ ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެމައްސަލައިގައި ބީބީ މަރަން ހުކުމްކޮށް ޖަލަށްލި އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ބީބީގެ މައްޗަށް ހުކުމް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައި އޭނާ ދުކޮށްލަން އަންގައިފަ އެވެ.

ނަމަވެސް އެ މައްސަލާގައި ބީބީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އަދި މިއަދު ސުޕްރީމް ކޯޓުން ވަނީ އެޕެޓިޝަން ބޭރުކޮށްލާފަ އެވެ.

އެމައްސަލަ ބަލާ ނިމެންދެން ބީބީ ބަހައްޓާފައި ހުރި ސިއްރު ތަނެއްގަ އެވެ. އަދި ކޯޓުގެ ހުކުމާއެކު ބީބީއަށް ވަނީ ޕާކިސްތާން ދޫކޮށް ދިޔުމުގެ ހުއްދަ ލިބިފައި އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭނާގެ ދެ ކުދިން މިހާރު ތިބީ ގައުމުން ބޭރުގަ އެވެ.

ބީބީ ދޫކޮށްލަން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް އެތައް ހާސް މީހުން މުޒާހަރާ ކުރި އެވެ. އަދި އެމުޒާހަރާގެ ބައިވެރިން ވަނީ މިއަދު ހުކުމް ބަދަލު ނުކޮށްފި ނަމަ އަނެއްކާ ވެސް މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

comment ކޮމެންޓް