މި ސަރުކާރުން އަދި އަނިޔާވެރިއެއް ނުވޭ: ފަލާޙު

އިބްރާހިމް ފަލާހް: އޭނާ ވިދާޅުވީ މިސަރުކާރު އަދި އަނިޔާވެރިވެފައި ނުވާ ކަމަށް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި އަދި މިހާތަނަށް އަނިޔާވެރިކޮށް އެއްވެސް ކަމެއް ނުކުރާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް ރޭ 'ސަން' އަށް ވިދާޅުވީ ރައީސް ޞާލިހަކީ މި ގައުމަށް އަމާން ކަމާއި ރައްކާތެރިކަން ގެނެސް ދެއްވޭނެ އިހްލާސްތެރިވެރި އެއް ކަން ޔަގީން ކަމަށެވެ. އަދި މި ގައުމަށް ތަރައްގީ އާއި ޒަމާނީ ކުރިއެރުން ގެނެސް ދެއްވާނެ ކަން ވެސް ޔަގީންވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ގުދުރަތީ ގޮތެއްގައި އަދި މަރެއް ހިނގައި ދިޔަ ނަމަވެސް އަނިޔާވެރި ގޮތެއްގަ އެކަހަލަ އެއްވެސް ކަމެއް ހިންގާ ތަނެއް ނުފެނޭ. އަނެއްހެން ބަލާއިރު ވަރަށް ރައްކާތެރިކަމާއި އެކު ކުރިއަށް މިދަނީ،" އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުން ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ ދަތިކަމަށް މި ސަރުކާރުން ހައްލެއް ގެނެސްދީފައިވާކަން ފަލާހު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަން ފަލާހު ފާހަގަކުރެއްވި އެވެ.

އިދިކޮޅު ޕީޕީއެމުގެ ލީޑާޝިޕުން އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާ މި ދަނޑިވަޅުގައި ފަލާހްގެ މާ ބޮޑު ބައިވެރިވުމެއް ފެންނަން ނެތް އިރު އޭނާ ސިޔާސީ މައިދާނުން ގެއްލިއްޖެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުންމުންނެވެ.

އެކަމަށް ރައްދު ދެއްވައި ފަލާހް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކަމަށާއި ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ނިކުންނާނީ ރައީސް ޔާމީންގެ ތާއީދާ އެކު ކަމަށެވެ.

"ރައްޔިތުންނާ ގުޅުންހުރި ހުރިހާ ކަމެއްގައި ވެސް ސަރުކާރަށް އަޅުގަނޑު އެއްބާރުލުން ދޭނަން،" ފަލާހް ވިދާޅުވިއެވެ.

comment ކޮމެންޓް