އަރަބިއްޔާގައި ޓީޗަރުން ހަމަނުވާތީ ޑރ.ޝަހީމްވެސް ކަންބޮޑުވުން ފާޅުކުރައްވައިިފި

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންތަކެއް އެ ސްކޫލްގެ ބޭރުގައި މަޑުކޮށްލައިގެން --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަރަބިއްޔާ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަނުވާ މައްސަލާގައި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޓީޗަރުން (އުސްތާޒުން) ހަމަނުވެގެން ދިމާވެފައިވާ ދަތިކަމުގެވާހަކަ ބެލެނިވެރިން އެމަނިކުފާނާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ފަރުދީ މަސްއޫލިއްޔަތުގެ ދަށުން އެކަމަށް ހައްލެއް ގެނެވޭތޯ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އެކަމާ ގުޅޭ އެންމެ އިސްބޭފުޅުންނާ މިއަދު އަޅުގަނޑު ވަނީ ފޯނުން ގުޅައިގެން ވާހަކަ ދައްކާފައި،" އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ.

އުއްމީދަކީ އަރަބިއްޔާއަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް އަވަސް ހައްލެއް ލިބުން ކަމަށާއި ކިޔަވާ ކުދިންނަށް އެހީތެރިވުމަކީ ލިބިލައްވާ އުފަލެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިރާސީ އަހަރު ފެށިގެން ދެ ހަފްތާ އަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަރަބިއްޔާ އަށް ޓީޗަރުން ހަމަނުވެގެން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://sun.mv/114622

comment ކޮމެންޓް