އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ކަންބޮޑުވެފައި!

13 ޖެނުއަރީ 2016: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން. އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންތަކެއް އެ ސްކޫލްގެ ބޭރުގައި މަޑުކޮށްލައިގެން --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދިރާސީ އަހަރު ފެށިގެން މިހާތަނަށްވެސް އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ ސްކޫލު ފެށިގެން މިހާތަނަށްވެސް ބޭރުން އައީ ހަތަރު ޓީޗަރުން ކަމަށެވެ.

ސްކޫލަށް ޓީޗަރުން ހަަމަނުވާތީވެ އަރަބިއްޔާގައި މިހާރު ކިޔަވައިދެމުންގެންދަނީ އެހެން ސްކޫލުތަކުގެ ޓީޗަރުން ގެނެސްގެންނެވެ.

"ޓީޗަރުން ގެނަޔަސް ގެންނަނީ ޝެއިޚުން ފެންވަރުގެ މީހުން. އެކަމަކު މަތީ ކްލާސްތަކުގައި ކިޔަވަމުންދަނީ ސައިންސް މާއްދާތައް ކަމަށްވާތީ އެބޭފުޅުންނަކަށް ކިޔަވައެއް ނުދެވޭ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ އެ މައްސަލައިގައި ޕްރިންސިޕަލްގެ އަރިހަށްގޮސްވެސް ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި މިއަދު ރައީސް އޮފީހަށް މިއަދުގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރަން އުޅުމުންވެސް އެކަން ހަމަނުޖެހުނު ކަމަށް އޭނާ ބުންޏެވެ.

އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއްވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

"އެ ދަރިވަރުން އެބަ ކިޔަވާ 17، 18 މާއްދާ. ޓީޗަރުން ލަސްވާ ކޮންމެ ދުވަހަކާ ހުރެ އެތަކެއް ފިލާވަޅުތަކެއް ގެއްލިގެން ދަނީ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް