ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލުމަށް އުފެއްދި ކޮމިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފަސް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ މައްޗަންގޯޅި ޑާޗާ އަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަހްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސައީދާއި، ވ. ސިނަމާލެ 4 05-02 މަރްޔަމް ރިފްނާގެ އިތުރުން ގަލޮޅު ކްރީމްގޭ ޒުރުވަތު އަބްދުލް މާޖިދުއެވެ.
އެބޭފުޅުން ރައީސް ސޯލިހު ވަނީ މިއަދު ހަވީރު ރައީސް އޮފީހުގައި ބައްދަލު ކުރައްވާފަ އެވެ.
ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތައް ނިންމުމުގެ ޒިންމާ ހަވާލު ކޮށްފައިވަނީ އެ ކޮމިޝަނަށެވެ.
އަދި ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި އެ ކޮމިޓީގެ ލަފާ ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރަށް ތިން މަސްވަން ކައިރިވެފައިވާއިރު، ރަނގަޅަށް ފަންކްޝަން ނުކުރާ މިނިސްޓަރުންތައް ބަދަލުވާނެތޯ "ސަން" އިން ސުވާލުކުރުމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މުޒާރާތަައް މަސައްކަތް ކުރާ މިންވަރު ވަޒަން ކުރައްވާނެ ކަމަށެވެ.
"މިއަދު އެބަ އެކުލަވާލާ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީ ކިޔާ. ކޮމެޓީ އެއް. އެ ކޮމިޝަނުން ބަލާނެ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައްވެސް. އެއަށްފަހު ބަދަލެއް ގެންނަން ޖެހޭ ތަންތަނަށް ބަދަލު ގެންނާނަން،" މި ކޮމެޓީ އާ ގުޅޭ އިތުރު ތަފްސީލެއް، ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއްވެސް ރައީސް ވިދާޅެއް ނުވެއެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް ތިން މަސްވާން ކައިރިވެފައިވާއިރު ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށްދާތަން ނުފެންނާތީ އެކަމާ އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި 19 މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ. ކެބިނެޓުގައި ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީއެއް ތަމްސީލުވާގޮތަށް މިނިސްޓަރުން ތިއްބަވައެވެ.