ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތައް އެ ދެ ޓީމުން ކާމިޔާބު ކޮށްފިއެވެ.
ވޭތުުވެ ދިޔަ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ އަދި ހަޑާސްފީލްޑް ބައްދަލު ކުރި މެޗުން 0-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ މެންޗެސްޓާ ސިޓީއެވެ.
ސިޓީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވަނީ 19 ގޯލް ޖަހާފައެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ރޭގެ މެޗުގައ ލެރޯއީ ސާނޭ ގޯލު ޖެހުމަށް ފަހު -- ފޮޓޯ / ޑޮމް ފަރެލް
މެޗުގެ ފުރަތަމަ ގޯލަކީ 18 ވަނަ މިނަޓުގައި ސިޓީގެ ޑިފެންޑަރ ޑެނީލޯ ދުރުން ފޮނުވާލި ހަމަލާއެއް ހަޑާސްފީލްޑް ގެ ކުޅުންތެރިއެއް ގައިގަ ޖެހި ވަން ގޯލެކެވެ. އަދި ދެވަނަ ހާފުގައި ސިޓީގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ދެ ގޯލް ވަނީ ޖަހާފައެވެ. މި ދެ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާރލިންގް އާއި ލެރޯއީ ސާނޭއެވެ.
މި މޮޅާ އެކު ސިޓީއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފައެވެ.
ތާވަލުގެ ތިން ވަނައިގައި މިވަގުތު އޮތް ޓޮޓެންހާމް ރޭގައި ވާދަ ކުރީ ފުލްހާމްއާއި ދެކޮޅަށެވެ. 1-2 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރީ ޓޮޓެންހަމްއެވެ.

ފުލްހާމް ކައިރިން މޮޅުވުމަށް ފަހު ޓޮޓެންހަމް ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ / ޖޭމީ ސްމިތް
އަނިޔާ ގެ ސަބަބުން ރޭގެ މެޗުގައި ޓޮޓެންހަމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ހެރީ ކޭން ކުޅެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި ލޮރެންޓޭގެ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ފަހަތުގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފް ފެށި މާ ގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމް އިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 51 ވަނ މިނަޓުގައި ޑެލީ އަލީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ސިކުންތު ކޮޅުގައި ޓޮޓެންހަމް އިން ވަނީ އިތުރު ގޯލެއް ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.