އެމްޑީޕީގެ ކިބައިން ރައްޔިތުންގެ މަޖިލީސް ސަލާމަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވެފައި މިވަނީ އެހެން ޕާޓީތަކާ ގުޅިގެން މަޖިލީހަށް ކުރިމަތިލާން ޖޭޕީން ތައްޔާރު ކަމަށް ގާސިމް ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމިން އުފައްދަވާ އާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ދާދި ފަހުން ސޮއި ކުރެއްވި ހަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމްޑީޕީގެ "އިތުބާރު ނެތް، އަނިޔާވެރި ވަކިތަކުން" މަޖިލީސް ސަލާމަތް ކުރަން ގާސިމާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އެމްޑީޕީގެ އިތުބާރެއް ނެތް އަދި އަނިޔާވެރި ވަކިތަކުން ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމަށް ގާސިމް އިބްރާހިމް ފެއްޓެވި ދަތުރުފުޅުގައި އަޅުގަނޑުމެން މިތިބީ އެމަނިކުފާނާއި އެމަނިކުފާނުގެ ޕާޓީއާއެކު. ރައްޔިތުން އެދޭ މަޖިލީހެއް ރައްޔިތުން ހޮވާނެ އަދި ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ނުދޭނެ،"
MDP ge ithubaareh ney adhi aniyaaveri vakithakun Rayyithunge Majlis salaamai kurumah Hon. @qasimibrahim fettevi dhathurufulhuga alhugandumen mithibee emanikfaanai manikfaanuge partyai eku. Rayyithun edhey Majlis eh rayyithun hovaane adhi rayyithun MDP ah majority nudheyne.
— Dr. Abdulla Khaleel (@abkhaleel) January 21, 2019
ރޭ ބޭއްވި ޖޭޕީގެ ޖަލްސާއެއްގައި ވެސް ގާސިމް ވަނީ އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، ކޯލިޝަންގެ ޕާޓީތަކުން ހަދާފައިވާ އެއްބަސްވުމާ ހިލާފަށް އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ނުކުންނަން ނިންމާފައިވާ ކަމަށާއި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ހައްލު ނުކުރެވުނު ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީ ޕްރައިމަރީ އޮތް އިރު އެ ދުވަހުވެސް ގާސިމް ވަނީ އެމްޑީޕީން ޖުމްހޫރީ ޕާޓީ މަގުމައްޗަށް އެއްލާލާފައިވާ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފަ އެވެ.