ލެވަންޓޭ އަތުން 3-0 އިން މޮޅުވެ ބާސެލޯއިން ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާޓަރ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި އޮސްމާނޭ ޑެމްބެލޭ ޖަހައިދިން ދެލަނޑާއި ލިއޮނަލް މެސީ ޖަހައިދިން ލަނޑާއެކު ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން (4-2 އެގްރިގޭޓް) މޮޅުވި ނަމަވެސް، ފުރަތަމަ ލެގުގައި ސަސްޕެންޝަންގައި ހުރި ކުޅުންތެރއަކު ކުޅެން އެރުވުމުން، މުބާރާތުން ވަކިވާން ޖެހިދާނެކަމުގެ ބިރު ބާސާއަށް އެބައޮތެވެ.
ލެވަންޓޭއިން ބުނެފައި ވަނީ، މިދިޔަ ހަފްތާގައި ވެލެންސިއާގައި ކުޅުނު މެޗުގައި، ބާސާއިން ކުޅެން އެރުވި ޒުވާން ކުޅުންތެރިޔާ ހުއާން "ޗުމީ" ބްރޭންޑަރިޒްއަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށެވެ. ސަބަބަކީ، އޭނާ ބާސާގެ ޔޫތު ޓީމުގައި ކުޅުނު މެޗެއްގައި ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފައި ވާތީ ކަމަށެވެ. އެގޮތުން، ބާސާގެ ޒުވާން ޓީމުގައި ސަސްޕެންޝަނެއްގައި ހުރެ، ސީނިއަރ ޓީމަށްވެސް ނުކުޅެވޭނޭ ކަމަށް ލެވަންޓޭއިން ބުނެއެވެ.
ލެވަންޓޭއިން ބުނީ، ބާސާއާ ދެކޮޅަށް، ސްޕެނިޝް ސޮކަރ ފެޑެރޭޝަނަށް މިއަދު މައްސަލަ ހުށަހަޅާނޭ ކަމަށެވެ.
ނަމަވެސް، ކޮޕަރ ޑެލް ރޭގެ ޑިފެންޑިންގ ޗެމްޕިއަން ބާސާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. ބާސާގެ ކޯޗު އާނެސްޓޯ ވަލްވަޑޭ ބުނެފައި ވަނީ، އޭނާގެ ޓީމުން މުބާރާތުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"އަހަރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން،...،" ވަލްވަޑޭ ބުންޏެވެ. "އަހަރެމެން ދަނޑުމަތީގައި މޮޅުވާން މަސައްކަތްކުރީ، އެކަން ކާމިޔާބުވި، އަދި ކުއާޓަރގެ ގުރު ނެގުމުގައި ބާސާ އޮންނާނެކަމުގެ ޔަގީންކަން އެބައޮތް."
ލެވަންޓޭއިން ހުށަހަޅާ މައްސަލައަށް މިއަދު ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ގޮތެއް ނިންމާނެއެވެ.
ބާސާ ވަނީ ކޮޕާ ޑެލް ރޭގެ ކުއާޓަރއަށް ޖެހިޖެހިގެން 9 ފަހަރަށް ދަތުރުކޮށްފައެވެ. ފާއިތުވި ހަތް އަހަރު ތެރޭގައި އެޓީމުން ވަނީ ފަސް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
ބާސާގެ އިތުރުން ކޮޕާ ޑެލްރޭގެ ކުއާޓަރއަށް ދަތުރުކޮށްފައި ވަނީ، ރެއާލް މެޑްރިޑް، ޖިރޯނާ، ވެލެންސިއާ، ގެތާފޭ، އަދި ސެވިއްޔާއެވެ.