ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ރައީސް ޓްރަމްޕް އަދި ރައީސް އުރުދުޚާން --

ވޮޝިންޓަން (ޖަނަވަރީ 14) : ސޫރިޔާގެ ކުރުދީން ޖަމާއަތްތަކަށް ތުރުކީން ޙަމަލާދީފި ނަމަ ނުވަތަ އެޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ ތުރުކީގެ އިގްތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ތުރުކީއަށް އިންޒާރު ދެއްވައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ކުރުދީންނަށް ހަމަލާދީފި ނަމަ އިގްތިސާދީ ގޮތުން ތުރުކީ ފުނޑާލާނެ" ކަމުގަ އެވެ. އަދި ތުރުކީގެ ނުރައްކަލުން ސޫރިޔާގެ ކުރުދީން ހިިމާޔަތް ކުރުމަށް ޓަކައި 20 ކިލޯ މީޓަރުގެ ބަފަޒޯން އެއްވެސް ސޫރިޔާގެ އުތުރުގައި ގާއިމް ކުރާނެ ކަމަށާއި އެ ސަރަހައްދަށް ތުރުކީއަށް ގާތް ނުވެވޭނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެެވެ.

މިއީ އެމެރިކާގެ ބައިވެރިން ކަމަށްވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ ދިފާއުގައި ތުރުކީއާ ދެކޮޅަށް ޓްރަމްޕް ދެއްވި އެންމެ ހަރުކަށި އިންޒާރު ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް ޓްރަމްޕްގެ އެހެން ޓުވީޓެއްގައި ތުރުކީ ރުޅިއަންނަ ފަދަ ހަރަކާތްތައް ނުހިންގުމަށް ސޫރިޔާގެ ކުރުދީންނަށް ވެސް ގޮވާލައްވާފައިވެ އެވެ.

ޓްރަމްޕްގެ މިއިންޒާރަށް ރައްދު ދެމުން ތުރުކީން ވަނީ އެމެރިކާއަށް ވެސް އިންޒާރު ދީފަ އެވެ. ތުރުކީގެ ރިޔާސަތުން ދިން މި އިންޒާރުގައި އެމެރިކާއަށް އަންގާފައި ވަނީ ޓެރަރިސްޓުންނާ ގުޅުންތައް ބާއްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޯވެވޭނެ ކަމަށެވެ. މިގޮތުން އެމެރިކާއަށް އޮތީ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ނޫނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް މިދެ ފަރާތުންކުރެ ފަރާތެއް އިޚްތިޔާރުކުރުން ކަމަށް ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާން ބުނެ އެވެ.

ކުރުދީ ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް އެޖަމާއަތްތަކާ ގުޅުންބައްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޫޅެވޭނެ ކަމަށް ވެސް ތުރުކީގެ ބަޔާން ބުނެ އެވެ.

ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަކީ ތުރުކީގެ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށްވެފައި ތުރުކީއަކީ ނޭޓޯގެ މެންބަރެއްގެ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއް ކަމަށްވާ އިރު އެމެރިކާ އިން ކުރުދީ ޖަމާއަތްތަކާ ގުޅުންތައް ބާއްވަންޖެހޭނެކަން ތުރުކީވިލާތުން ގަބޫލެއް ނުކުރެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އެމެރިކާއަށް މުހިއްމީ ޓެރަރިސްޓުންތޯ ނޫނީ އެމެރިކާއާ އެކު ސްޓްރެޓީޖިކް ގުޅުންތައް އުފައްދާފައިވާ ބައިވެރިޔާ ކަމަށްވާ ތުރުކީ ތޯ ސުވާލު ކުރައްވައިފަ އެވެ. އެމެރިކާގެ ސިފައިން ސޫރިޔާއިން ބާލާނީ ތުރުކީ ސިފައިން ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މިދިޔަ ހަފްތާގައި ދެއްވި ބަޔާނަށް އުރުދުޣާން ވަނީ ކޯފާވެވަޑައިގެން ބޯލްޓަންއަށް ފާޑުވިދާޅުވެފަ އެވެ. އަދި ބޯލްޓަން ތުރުކީއަށް ވަޑައިގަތުމުން ބޯލްޓަން އާ ބައްދަލުކުރެއްވުމަށް ވެސް އުރުދުޣާން ވަނީ މިމައްސަލައާ ގުޅިގެން ދެކޮޅު ހައްދަވައިފަ އެވެ.

ނަމަވެސް ފަހުން އެމެރިކާ ބުނެފައި ވަނީ ކުރުދީން ހިމާޔަތްކުރާނެ އެހެން ގޮތެއް ހޯދުމަށް ފަހު ސޫރިޔާ އިން އެމެރިކާ ސިފައިން ބާލާނެކަމުގަ އެވެ. ތުރުކީން ވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ފޭބިޔަސް އަދި ނުފޭބިޔަސް އެމެރިކާގެ ތާއީދު ލިބިފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅައި އެޖަމާއަތްތައް ބަލިކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެމެރިކާ ސިފައިން ސޫރިޔާގެ އުތުރުން ބޭލުމަށް ނިންމީ ވެސް ތުރުކީގެ ފިއްތުންތަކާ ގުޅިގެންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް