އެއާޕޯޓުގެ ޓްރެފިކް ބޮޑު، ރިސޯޓުތައް ފުރެނީ!

ފަތުރުވެރިން ތަކެއް ހިންމަފުށީ މަގެއްގައި ހިނގާފައި ދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަހަރުގެ ފަހުކޮޅާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ބޮޑުވެ، ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ސަން ސިޔާމް ރިސޯޓްސްގެ ދަށުން ހިންގާ ސަން އަކުއާ ވިލުރީފް، ސަން އަކުއާ އިރުވެލި އަދި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހިލްމީ ވިދާޅުވި ގޮތުގައި، އެ ރިސޯޓުތައް އޮޕަރޭޓުކުރަމުން ދަނީ ފުލް އޮކިއުޕަންސީއާ ގާތުގައެވެ.

ހިލްމީ ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަހުގައިވެސް އޮކިއުޕެންސީ މަތި ވާނޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ގާތްގަނޑަކަށް ފުލް އޮކިއުޕެންސީގައި މިދަނީ. ގާތްގަނޑަކަށް ކުރިއަށް އޮތް ތިން ހަތަރު މަސްވެސް އެގޮތަށް ދާނޭ ކަމަށް ބެލެވެނީ،" ހިލްމީ ވިދާޅުވި އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ، ވިލާގެ ހުރިހާ ރިސޯޓެއް ވެސް އުޅެނީ ފުލްކޮށް ކަމަށެވެ. އަދި މި އަހަރުގެ ސީޒަން ދަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

"އެއްކޮށް ފުލްކޮށް އުޅެނީ އަޅުގަނޑުމެންގެ ރަށްތައް،"

ވިލާ ގްރޫޕުގެ ފަސް ރިސޯޓެއް އޮވެއެވެ. އެއީ ޕެރެޑައިސް އައިލެންޑް ރިސޯޓު، ސަން އައިލެންޑް ރިސޯޓު، ރޯޔަލް އައިލެންޑް ރިސޯޓު، ފަން އައިލެންޑް ރިސޯޓު އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.

އަހަރުގެ ފަހު ކޮޅާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާ އިރު އެކަމުގެ އަސަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަނީ ކުރަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަތިންދާ ބޯޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ ޓްރެފިކް ބޮޑުވުމާ ގުޅިގެން ޖާގަ ނެތުމުގެ ސަބަބުން ބައެއް މަތިންދާބޯޓުތައް ލޭންޑު ނުކުރެވި ވައިގެ ތެރޭގައި ގިނަ އިރުތަކެއް ހޭދަ ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު އެމިރޭޓްސްގެ މަތިންދާބޯޓެއް ގާތްގަނޑަކަށް އެއް ގަޑިއިރު ލޭންޑު ނުކުރެވި ވައިގެ ތެރޭގައި ހޭދަ ކުރި ކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ބެލެވެނީ އެއާޕޯޓުގެ އާ އޭޕްރަން އޭރިއާ ނިމޭނެ ކަމަށް ބަލާފައި ކަމަށް ޕާކިން ސްލޮޓުތަކާ އެއްޗެހި ހަމަޖައްސާފައި ހުރީ. އެހެންވީމަ ނުކަތާ ވަރަށް އޮޕަރޭޓު ކުރަމުންދާ ކަމަށް ފާހަގަ ކުރެވެނީ،"

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ އެއާޕޯޓުގެ ޓްރެފިކް ބޮޑު ނަމަވެސް އޮޕަރޭޝަންތައް ކުރިއަށްދަނީ ވަރަށް އޮމާންކޮށް ކަމަށެވެ. އަދި މިހާރުގެ ޓްރެފިކާ އެއްވަރަށް މަސައްކަތް ކުރެވެން ހުރި އެންމެ ރަނގަޅަށް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަަތް ކޮށްފައިވާ ޓޫރިސްޓުންގެ އަދަދަކީ 1،333،456 އެވެ.

comment ކޮމެންޓް