ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް ސޯލިހް

އެއްބައިވަންތަކަމުގެ ދުވަހުގެ ގައުމީ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރ. ދުވާފަރަށް ވަޑައިގެން، ހޯމް މިނިސްޓަރު ޝެއިހް އިމްރާންއާ ސަލާމް ކުރައްވަނީ -- ފޮޓޯ ރައީސް އޮފީސް

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގައި އުފެއްދުމަށް ލާޒިމްކޮށްފައިވާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ނަމުގައި 2015 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުގެ ތިންވަނަ ބާބުގެ ހަތްވަނަ މާއްދާގެ (ހ) ގައި ވާގޮތުން، ރައީސުލް ޖުމްހޫރިއްޔާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އެއް އުފައްދަވަން ޖެހެއެވެ. އަދި އެ ގާނޫނަށް އަމަލު ކުރާތާ 30 ދުވަހުގެ ތެރޭ އެ އޮތޯރިޓީގެ ލަފާޔާއެކު ނޭޝަނަލް މެނޭޖްމަންޓް ކައުންސިލެއް އުފައްދަވަން ޖެހެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި (ރ) ދުވާފަރުގައި ބޭއްވި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ސޯލިހް ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުން ލާޒިމްކުރާ، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

"އެ ގާނޫނު ލަޒިމް ކުރާ އެންމެ މުހިންމު ކަމަކީ، ކާރިސާގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށް، ނެޝަނަލް މެނޭޖްމަންތް އޮތޯރިޓީއެއް އުފެއްދުން. އެ އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް މިހާރު މި ސަރުކާރުން ވަނީ ފަށާފަ،" ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވި އިރުވެސް އެ ގާނޫނު ތަންފީޒުކުމުމަށް އެއްވެސް ކަމަށް މިހާތަނަށް އެެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ އޮތޯރިޓީގެ ދަށުން ކައުންސިލެއް އުފައްދަވާ، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީ ވެސް އުފެއްދުން ލާޒިމްކުރާ ކަމަށާއި، އެކަންވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން" ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި ކަމަށެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް "ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހު 16 ވަނަ ދުވަހު ފަންޑެއް ގާއިމު ކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި އެ ފަންޑަށް ލިބޭ ފާއިސާ ބޭނުން ކުރައްވާނީ ހަމައެކެނި އެފަދަ ކާރިސާތަކުން ލިބޭ ގެއްލުން ތަކަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދަވާ ކަމަށާއި އެގޮތުން، ކުއްލި ހާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

comment ކޮމެންޓް