އާސެނަލްގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަންގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އުމުރުން 29 އަހަރުގެ މިކިތާރްޔަނަށް އަނިޔާވީ، ކަރަބޯއާ ކަޕުގައި ވާދަވެރި ޓޮޓެންހަމް އަތުން އާސެނަލް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ އަނިޔާ ވެގެން ބާލާފައެވެ.
އާސެނަލް އިން ބުނެފައި ވާ ގޮތުން، މިކިތާރްޔަންގެ ކަނާތު ފައިގެ މެޓަޓާސަލް ކަށިގަނޑެއް ވަނީ ރެނދުލާފައެވެ. އަދި އެ އަނިޔާއިން އޭނާ ރަނގަޅު ވާން ހަ ހަފްތާ ވަރު ނަގާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.
މި ހަފްތާ ބަންދުގައި ލީގުގައި 3-1ގެ ނަތީޖާއިން ބާންލީގެ މައްޗަށް އާސެނަލް ކުރި ހޯދި މެޗުގައި އޭނާ ކުޅެފައި ނުވެއެވެ.
މި ސީޒަނުގައި މިކިތާރިޔަން ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހައި ތިން އެސިސްޓު ފޯރުކޮށްދީފައެވެ.
އޭނާގެ އިތުރުން އާސެނަލްގެ ޑެނީ ވެލްބެކް އާއި ރޮބް ހޯލްޑިން ވެސް ތިބީ އިންޖަރީގައެވެ. އެ ދެ ކުޅުންތެރިން މި ސީޒަން ނިމުމުގެ ކުރިން އަނިޔާއިން ސަލާމަތް ވާނެ ކަމަށް ނުބެލެވެ އެވެ. އަދި އާސެނަލްގެ އިތުބާރު ޑިފެންޑަރުން ޝްކޮޑްރާން މުސްތާފީ އާއި ހެކްޓާ ބެލެރިން ވެސް ތިބީ އިންޖަރީގައެވެ.