ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ގޮށްރާޅު"ގެ ޓިކެޓް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ވިއްކަން ފަށާނެ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.
"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ޖެނުއަރީ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ދިހަ އަކުން ރޭގަނޑު ދިހައެއް ޖަހަންދެން އޮލިމްޕަހުން އެ ފިލްމުގެ ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.
"ގޮށްރާޅު"ގެ ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ.

ގޮށްރާޅުގެ ޕޯސްޓަރެއް---
މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއެއްގައި މޮގާ ބުނީ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ޓިކެޓް ގަތުން ކަމަށެެވެ.
މާލޭގެ އިތުރުން އެ ފިލްމު ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރަށްރަށުގައި "ގޮށްރާޅު" އަޅުވަން ބޭނުންނަމަ 9911229 ނަމްބަރަށް ގުޅައިގެން ނުވަތަ ޑާކްރެއިންގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ހަމަޖެއްސިދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.
ހޮޓްލައިން ނަމްބަރ އެކްޓިވް ވާނީ ޖެނުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ކުރިން ބުކް ކުރަން ބޭނުން ނަމަ މެސެޖް ކުރުމުން ރެސްޕޮންޑުކުރާނެއެވެ.
ފިލްމުގެ ޝޫޓިން މަސައްކަތް ނިމި ޝައުގުވެރި ޓްރެއިލާއެއް ބެލުންތެރީންނަށް ދޫކޮށްލާފައި ވާއިރު ބެލުންތެރީން އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ. މޮގާ ބުނީ، ފިލްމު ޕްރިމިއަރ ކުރުމުގެ ކުރިން އިތުރު ޓްރެއިލާ އެއް ބެލުންތެރިންނަށް ދައްކާލާނެ ކަމަށެވެ.

"ގޮށްރާޅު" ގެ ބައެއް ތަރިން ފެންނަ ޕޯސްޓަރެއް: ފޮޓޯ ގޮށްރާޅު ފޭސްބުކް ޕޭޖް...
ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
މި ފިލްމަކީ މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއް ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެއެވެ.