"ޒީރޯ" ލީކު ކޮށްލައިފި

"ޒީރޯ" ގެ ލީޑު ތިން ތަރިން....

ބޮލީވުޑް ރަސްގެފާނު ޝާހުރުކް ޚާން ޑްވާފެއްގެ ރޯލުން ފެނިގެންދާ އާނަންދު އެލް ރާއީގެ ފިލްމު "ޒީރޯ" ރިލީޒްކުރިތާ އެއް ދުވަސްތެރޭ ފިލްމުގެ ގިނަ މަންޒަރުތައް ލީކު ކޮށްލައިފިއެވެ.

ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ ވެސް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ބައިތައް ލީކު ކޮށްލާފައިވަނީ ތަރިންގެ ނަމުގައި ހަދާފައިވާ ފޭކް ޓްވީޓާ އެކައުންޓުތައް މެދުވެރިކޮށެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ޒީރޯ" ގެ ބައިތައް އޮންލައިން ކޮށް ލީކު ކޮށްލާފައިވާއިރު ބައެއް ވެބްސައިޓުތަކުން ފިލްމުގެ ބައިތައް ބެލެން އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް ފިލްމު އެއްކޮށް ލީކެއް ނުވެއެވެ.

"ޒީރޯ" އަކީ އެޅުވުމުގެ ކުރިން ބޮޑު ތަރުހީބެއް އަދި ރަނގަޅު އާމްދަނީ އެއް ލީބޭނެ ކަމަށް ބެލެވުނު ފިލްމެކެވެ. ނަމަވެސް ފުރަތަމަ ދުވަހު ފިލްމު ބެލި ގިނަ މީހުންގެ އިތުރުން ކްރިޓިކްސް ވެސް ތިބީ މާޔޫސްވެފައެވެ.

ބެލުންތެރިން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ އިރު، ފިލްމަށް ލިބެމުން އަންނަ ދަށް ރިވިއުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު ބަލަން ދާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކެޓްރީނާ ފިލްމީ ތަރިއެއްގެ އަދި އަނުޝްކާ ބަލި ގޮނޑީގައި އިނދެ ތަކްލީފް އުފުލުމަކުން އަންނަ ސައިންޓިސްޓެއްގެ ރޯލުން ފެންނަ އެ ފިލްމު އެއް ފަހަރާ 5966 ސިނަމާއެއްގައި ވަނީ ދައްކަން ފަށައިފައެވެ.

200 ކުރޯޑުގެ ބޮޑު ބަޖެޓަކުން ހެދި "ޒީރޯ" ގެ ބައެއް މަންޒަރުތައް ލީކު ކޮށްލާފައިވާއިރު އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "2.0" އާއި ދާދި ފަހުން ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" ވެސް ވަނީ ލީކު ކޮށްލާފައެވެ.

comment ކޮމެންޓް