އެމްޓީޑީ އުފެއްދުމަށް 3000 މެންބަރުންގެ ފޯމް ހުށަހަޅައިފި

އެމްޓީޑީ އުފެއްދުމަށް 3000 މެންބަރުންގެ ފޯމް އީސީއަށް ހުށަހަޅަން ދިއުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: އެމްޓީޑީ

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހޯދުމަށްފަހު އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އެމްޓީޑީން ބުނީ އެ ޕާޓީގެ ފަރާތުން މިއަދު އީސީއަށް ހުށަހަޅާފައިވަނީ 3333 މީހުންގެ ފޯމު ކަމަށެވެ. އަދި އެ ފޯމްތައް އީސާއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުގެ ތަރުޖަމާނު އަހްމަދު އަކްރަމް ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

އެމްޓީޑީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ހުއްދަ އީސީން ދޫކޮށްފައިވާއިރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އިތުރުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.

އެމްޓީޑީގެ އިތުރުން މިއަހަރު ވަނީ މޯލްޑިވަސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފަ އެވެ. އެ ޕާޓީން ވެސް ވަނީ 3000 މެންބަރުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާފަ އެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުން އެންމެ ފުރަތަމަ ޖެހޭނީ 3000 މެންބަރުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާށެވެ. އަދި އެޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ، ޕާޓީގެ ޢާންމު ޖަލްސާ ބާއްވައި، އަސާސީ ގަވާއިދު ފާސްކޮށް ހުށަހެޅުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ ސޮއި ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ 6 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމް.ޑީޕީއާއި، އެމް.ޑީ.އޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީ.އާރު.ޕީއާއި އަދާލަތު ޕާޓީއެވެ.

comment ކޮމެންޓް