ކައުންސިލް އިންތިޚާބުގެ ޝަކުވާ ބަލަން ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދައިފި

ކުރިން ބޭއްވި އިންތިޚާބެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް: ކައުންސިލް އިންތިޚާބުގެ ޝަކުވާއާއި މައްސަލަ ބަލަން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއެއް ވަނީ އުފައްދާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ މައްސަލައާއި ޝަކުވާ ހުށަހަޅަން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައެވެ.

އިންތިޚާބާ ބެހޭ މަރުކަޒުގައި އެ ބިއުރޯ ގާއިމުކުރީ އިލެކްޝަންސް ކޮމިޝަން (އީސީ)ންނެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިޚާބާ ގުޅިގެން ބިއުރޯއެއް ގާއިމުކުރީ ރައްޔިތުންނަށް ފަސޭހައިން އިންތިޚާބީ ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމަށާއި އެ ހުށަހަޅާ ޝަކުވާއެއް ނުވަތަ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ހެދުމުގެ މަގުސަދުގައި ކަމަށް އީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، އިންތިޚާބުތަކާ ގުޅޭ ޝަކުވާ ފޯމު ބަލައިގަންނާނީ، އީސީގެ ކައުންޓަރުތަކާއި ބިއުރޯގެ މެއިލް މެދުވެރިކޮށެވެ.

ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބުގެ ޝަކުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމު --- ފޮޓޯ/ އީސީ

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އީސީގެ ވެބްސައިޓާއި އިންތިޚާބާބެހޭ މަރުކަޒުގެ އިތުރަށް އީސީގެ އިދާރާ ކައުންޓަރުންނެވެ. އޭގެ އިތުރަށް، ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖެއިން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބޭނެ އިންތިޒާމު އީސީން ވަނީ ހަމަޖައްސާފައެވެ.

އީސީން ބުނީ، އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އިންތިޚާބުގެ ވޯޓު ލާން ފެށީއްސުރެ، ފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، އިންތިޚާބުގެ ވޯޓު ލުން އޮންނާނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުގެ 08:00 އިން 16:00އަށެވެ. އެ އިންތިޚާބުގެ ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ، 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުގައި ކަމަށްވާއިރު، ރަސްމީ ނަތީޖާ އިއުލާނުކުރާނީ އަންނަ އޭޕްރީލް 11 ގައެވެ.

comment ކޮމެންޓް