ރާއްޖޭގެ ފަތުރުވެރިކަމުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ މިމަހު 27 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވަން ނިންމައިފިއެވެ.
މި އިވެންޓުގައި 25 ދާއިރާ އަކުން އެވޯޑުދޭނެއެވެ. ރިސޯޓުތަކަށާއި ލިވަބޯޑްސް އަދި އެއާލައިންތަކަށް ހާއްސަ އެވޯޑުތައް ދޭ މިހަފްލާގައި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅުންހުރި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް މަޓާޓޯ އިން ބުނެއެވެ.
މަޓާޓޯ ޓްރެވަލް އެވޯޑްސް 2018 ގެ މޭޖާ ކެޓަގަރީތަކަށް ރެކޯޑު އަދަދަކަށް ކުރިމަތިލާފައިވާކަމަށާއި 200 އަށް ވުރެ ގިނަ ނޮމިނޭޝަންތައް އެބަހުރި ކަމަށް މަޓާޓޯ އިން ބުނެއެވެ. އެވޯޑުދޭނީ ޖަޖުންގެ މާކުހާ އޮންލައިން އަދި އެސްއެމްއެސް ވޯޓުން އެންމެ ގިނަ މާކްސް ލިބޭ ފަރާތްތަކަށެވެ. މަޓާޓޯ އިން ބުނީ މިފަހަރުގެ އެވޯޑަށް 250،000 އަށް ވުރެ ގިނަ ވޯޓު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ދާއިރާ އިން ފާހަގަކުރެވޭ ފަސް ފަރާތަކަށް ޕީޕަލްސް އެވޯޑުވެސް ދޭނެއެވެ. ހަތްވަނަ ގާލާ އެވޯޑު ބާއްވާ ޕެރަޑައިސް އައިލެންޑު ރިސޯޓަކީ މި އެވޯޑުގެ ފުރަތަމަ ގާލާ ބޭއްވި ރިސޯޓުވެސްމެއެވެ.
މި އެވޯޑުގެ ކޮމްޕޯނެންޓެއްގެ ގޮތުގައި ހިމެނޭ ގެސްޓުހައުސް އެޑިޝަންގެ އެވޯޑުތައް ވަނީ ސެޕްޓެމްބަރު މަހު ދީފައެވެ.