މާހޯރަ ދޯންޏަށް މަސްއައިނުން ފެނުނީ ބޮޑު ހުދަންބަރެއް!

މާހޯރަ ދޯނިން ހޮވި ހުދަންބަރު ކަމަށް ޝައްކު ކުރެވޭ މާވަހަރު --- ފޮޓޯ: މުހައްމަދު

ހއ. އިހަވަންދޫ "މާ ހޯރަ" ދޯނި ކަންނެލީގެ މަސްވެރިކަމުގައި އުޅެނިކޮށް ހުދަންބަރެއް ކަމަށް ބެލެވޭ، މާވަހަރެއް ފަދަ އެއްޗެއް ހޮވައިފިއެވެ.

މާހޯރަ ދޯނީގެ އޮޑިވެރިޔާގެ ދަރިފުޅު މުހައްމަދު ރަޝީދު "ސަން"އަށް ބުނީ އެ ދޯނިން ހުދަންބަރު ހޮވީ އިއްޔެ މެންދުރު، މަސްއައިނަށް ނިކުމެ އުޅެނިކޮށް ހއ. ތުރާކުނު، ވަޒާރާ ދިމާލުން، 18 ވަރަކަށް މޭލު ބޭރުން ކަމަށެވެ. ހުދަންބަރުގައި 13 ކިލޯ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"މަސްއައިނުގައި އުޅެނިކޮށް މަތީގައި ހުރި ކޮޔޮޅާއި އޭނާގެ 13 ވަރަކަށް އަހަރުގެ ފިރިހެން ދަރިއަށް މި ފެންނަނީ އޭތި (ހުދަންބަރު). ދެފެން ދޭތެރޭ ކަހަލަ ގޮތަކަށް އޮއްވައި. ދެން އަވަހަށް ކައިރިކޮށް ދޯންޏަށް ނެގީ،" އިހަވަންދޫ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ބުންޏެވެ.

ހއ. އިހަވަންދޫ މާހޯރަ ދޯނި: އެ ދޯނިން އިއްޔެ ވަނީ 13 ކިލޯގެ ހުދަންބަރެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޮވާފައި --- ފޮޓޯ: މުހައްމަދު

މާހޯރަ ދޯނިން ހޮވި ހުދަންބަރު ކަމަށް ޝައްކު ކުރެވޭ އެ މާވަހަރުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައި ނުވި ނަމަވެސް މާވަހަރަކުން ފެންނަ ހުރިހާ ސިފަތަކެއް އޭގެން ފެންނަން ހުރި ކަން މުހައްމަދު ރަޝީދު ފާހަގަކުރިއެވެ. އަދި މިވަގުތު އެ ދޯނި އަންނަނީ ބާނާފައި ހުރި ކަންނެލި ކޮޅާއެކު މާލެއަށް ދަތުރު ކުރަމުންނެވެ.

"ހަ ވަރަކަށް ޓަނު ކަންނެލި އެބަހުރި މިހާރު ބޭނިފަ. ދެން ކަންނެލި ކޮޅު ހުޅުމާލެއަށް ކިރާލުމަށްފަހު މާވަހަރުން ސާމްޕަލް ނެގުމަށްފަހު އޭތި ވިއްކާލުމުގެ މަސައްކަތުގައި އުޅޭނީ،" 16 މީހުން ތިބި ހޯރަ ދޯނީގެ އޮޑިވެރިޔާގެ ދަރި މުހައްމަދު ބުންޏެވެ.

މާހޯރަ ދޯނިން ހޮވި ހުދަންބަރު ކަމަށް ޝައްކު ކުރެވޭ މާވަހަރު --- ފޮޓޯ: މުހައްމަދު

މާވަހަރު ނުވަތަ އަންބަރަކީ ގޮންމާމަސް (ނުވަތަ ސްޕާމް ވޭލް)ގެ ހަޖަމުކުރާ ނިޒާމުން އުފައްދައި ބޭރުކުރާ، އަދި އުށާ ވައްތަރު ގޮތެއް ހުންނަ، ހުޅުހިފަނިވި ގަނޑު މާއްދާއެކެވެ. މާވަހަރު ހުންނަނީ ގަނޑުގަނޑުގެ ގޮތުގައި ތަފާތު ބައްޓަމަށް، އަދި ތަފާތު ސައިޒަށެވެ.

މާވަހަރުގެ ބާވާތްތަކުގެ ތެރެއިން އެންމެ އަގު ބޮޑުކަމަށް ބެލެވިފައި ވަނީ ހުދަންބަރެވެ. އޭގެ ގްރާމެއް އާންމުކޮށް އުޅެނީ 27 ޑޮލަރާއި 40 ޑޮލަރާއި ދެމެދުގައެވެ. އެހެން ކަމުން މާހޯރަ ދޯނިން ހޮވި މާވަހަރުގެ އަގެއް ގޮތުގައި ގާތް ގަޑަކަށް ފަސް މިލިއަނާ އަށް މިލިއަނާ ދެމެދުގެ އަގެއް ހުންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް