"ބިލީވް މީ، ސެންސް މޭކް"ގެ ނަމުން ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އާސިމް ވަހީދު (ޗިންޗޮން) ކ. މާފުށިން ހޮވި ހުދަންބަރު ނުވިއްކާނެކަމަށް އޭނާ މިއަދު ބުނެފިއެވެ.
"ސަން"އާ ވާހަކަ ދައްކަމުން އޭނާ ބުނީ، އެއީ މާވަހަރެއްތޯ ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"ފެނުން މީހުން ވެސް އަތްލި މީހުން ވެސް ނެތް މީ މާވަހަރެއްކަމެއް ދޮގު ކޮށްފައެއް. ރާއްޖެއިން ޓެސްޓު ނުކުރެވޭތީ ޓެސްޓު ކުރުމުގެ ކަންކަން ކުރަނީ. މީގަ ހުރޭ ރޫލްސްތަކެއް އެ ރޫލްތަކުގެ ތެރެއިން ދާނީ" އޭނާ ބުންޏެވެ.
އޭނާ ބުނީ، ޓެސްޓުކުރުމަށް އޭގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވާނެކަމަށެވެ. އަދި އެ ސާމްޕަލްތަކުން މިއީ މާވަހަރެއްކަން ޔަގީންވީ ނަމަވެސް، އޭނާ އެ ނުވިއްކާނެކަމަށް އާސިމް ބުންޏެވެ.
"އޭތި ހަމަ ކަލެކްޝަންގަ ބައިންދާނީ. އައި ހޭވް މަނީ އެންޑް އެވްރީތިންގް ސޯ އައި ވިލް ކަލެކްޓް އިޓް. ހާލު ޖެހިއްޖެއްޔާ ވިއްކާލާނަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ، ބޭނުންވަނީ ހުރިހާ ވައްތަރެއްގެ މާވަހަރު އެއްކުރަން ކަމަށެވެ.
އާސިމް ވަނީ މާވަހަރު ޓެސްޓު ކުރެވޭނެ ނިޒާމެއް ރައްޖޭގައި ގާއިމްވެފައި ނެތުމުގެ ކަންބޮޑުުން ފާޅުކޮށްފައެވެ. އޭނާ ބުނީ، މާވަހަރަކީ ކޮބައިކަމާ އެ ހޮވުމުން ކަން ކުރަންވީ ގޮތް އެންމެންނަށް ވެސް އިނގެންޖެހޭ ކަމަށެވެ.
"...އޭނާއަށް އެއީ ކޯޗެއްކަން އިނގެން އެބަޖެހޭ ފެނުނީމަ. ކަންކުރަންވީ މައުލޫމާތު ހޯދާނެ ގޮތަކާ އެކަމުގެ މައުލޫމާތު ވެސް އެނގެން އެބަޖެހޭ. އެއީ އަސްލު ވަރަށް މުހިންމު ކަންކަން،" އާސިމް ބުންޏެވެ.
އޭނާ ވަނީ މާވަހަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ގޮވާލާފައެވެ.
އާސިމް މާވަހަރު ހޮވާ އެކަމާ ގުޅިގެން ޓިކްޓޮކެއް ހެދީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ އާސިމްގެ ކޮންމެ ޓިކްޓޮކަކުން ވެސް އެންމެނަށް އެންމެ އަޅައިގަންނަ އެއް ޑައިލޮގަކީ "ބިލީވް މީ، ސެންސް މޭކް"އެވެ.
މާފުށި ވޯޓާ ސްޕޯޓްސް ސެންޓަރެއްގައި އޭނާ މަސައްކަތްކުރާއިރު، ޓިކްޓޮކަށް ދޫކޮށްލާ ވީޑިއޯތަކުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާފުށީގެ ވޯޓާ ސްޕޯޓްސް ކުޅިވަރުތައް ޕްރޮމޯޓްކުރެއެވެ.
އޭނާގެ ވީޑިއޯތަކަކީ މި ފަހަކުން ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ވީޑިއޯތަކެކެވެ.