ސިމެންތި ބަސްތާ ވެއްޓި ޒަހަމްވި ކުއްޖާ މާލެ އައީ ޗުއްޓީއަކަށް

ކުޑަ ކުއްޖާގެ ބޮލަށް ވެއްޓުނު ސިމެންތި ބަސްތާ: އެ ބަސްތާ ކައިރީގައި އެ ކުއްޖާގެ އައިނު ވެއްޓިފައި-- ފޮޓޯ: ކިޔުންތެރިއެއް

މ. ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ މާލެ އައިސް އުޅެނީ ޗުއްޓީއަކަށްކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޒަހަމްވި ކުއްޖާގެ އޮޕަރޭޝަނެއް މިހާރު އައިޖީއެމްއެޗުގަައި ދަނީ ކުރަމުންނެވެ. ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިއަދު ނޫސްވެރިންނަށް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ އުމުރުން ނުވަ އަހަރުގެ އެކުއްޖާއަކީ ފ. އަތޮޅު ރަށެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ކުއްޖެއް ކަމަށެވެ. ކުއްޖާ ދިރިއުޅެނީ އާއިލާއާއެކު ފ. އަތޮޅުގައެވެ. ކުއްޖާ މާލެ އައީ ކުއްޖާގެ ބައްޕަ އަދި މަންމައާއެކު ޗުއްޓީއަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ކުއްޖާގެ ހާލަތު ބެއްލެވުމަށް އައިޖީއެމްއެމްއެޗަށް ވަޑައިގެން ހުންނެވި ޝިފާ "ސަން"އަށް ވިދާޅުވީ، ކުއްޖާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށާއި އެ ކުއްޖާގެ ދެ ފަޔަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާ ކަމަށާއި، ނޭވާލުމުގައިވެސް ދަތިތަކެއް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގިގޮތުގެ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު، ފެންނަނީ ސިމެންތި ބަސްތާ އެކުއްޖާގެ ބޯމައްޗަށް ވެއްޓޭ މަންޒަރެވެ.

ކުޑަކުއްޖާ ސިމެންތި ބަސްތާ ދަށުވެފައި އޮތްކަން އެންމެ ފުރަތަމަ ފެނުނީ އެ ސަރަހައްދުގައި އުޅުނު ކޮންސްޓްރަކްޝަން ވޯކަރަކަށްކަމަށް ވީޑިއޯއިން ފެނެއެވެ. އަދި އެސަރަހައްދުން ދިޔަ ދިވެހީންތަކެއް ވަނީ އެ ކުއްޖާ ކޮނޑަށް އަރުވައިގެން ގެންގޮސްފައެވެ.

އިމާރާތުގައި ސަލާމަތީ ފިޔަވަޅު ހުރީ ނާޅާ

އިމާރާތް ކުރުމުގެ މަސައްކަތުގައި ބިދޭސީއަކު --- ސަންފޮޓޯ// އަލީ ނަސީރު

މިއަދު އެ ހާދިސާ ހިނގި މ. ނަލަހިޔާ މަންޒިލްގައި ކޮންސްޓްރަކްޝަން މަސައްކަތަށް ހުއްދަ ނަގާފައި ވީ ނަމަވެސް ސަރަހައްދު ކޯޑަންކޮށްފައި ނުވާކަމަށް ޝިފާ ވިދާޅުވިއެވެ. އެތަނުގައި އިނީ "ބޯޑެއް އެކަނި ޖަހާލާފައި" ކަމަށް ޝިފާ ވިދާޅުވިއެވެ.

މިހާރުން މިހާރަށް ހުރި ގަވާއިދުތަކަށް ބެލި ނަމަވެސް އެ ކުންފުނީގެ ބޮޑު އިހުމާލެއް އެބަ އޮތްކަން ޝިފާ ފާހަގަކުރެއްވިއެވެ. އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދަނީ ޑަބުލިއު ކޮންސްޓްރަކްޝަންއިންނެވެ.

އެ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ބޮޑު އިހުމާލެއް މިކަމުގައި އޮތްކަމަށް ޝިފާ ވިދާޅުވިއެވެ. ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ހުއްދަ ދޫކުރި ނަމަވެސް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާ ހުންނަކަން ޝިފާ ފާހަގަކުރެއްވިއެވެ.

ޝިފާ ވިދާޅުވީ މި ހާދިސާ ހިނގާފައި މިވަނީ ކޮންސްޓްރަކްޝަން މަސައްކަތަށް ހުއްދަ ދީފައިވާ ފަރާތްތަކާއެކު ސަލާމަތީ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް މާދަމާއަށް ބައްދަލުވުމެއް ބާއްވަން ރާވާފައި ވަނިކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހުއްދަ ނުދެވޭ ވަރަށް ބައިވަރު ތަކެތި އެބަހުރޭ މަގުތަކުގައި އެއްކައިރީގައި ބަހައްޓާފައި. ދަގަނޑުގެ ސާމާނު ޓިނުގެ ސާމާނު، އެކި އެކި ޕެލެޓްތައް." ޝިފާ ވިދާޅުވިއެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ މިހާރު ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓާލަން އަންގާފައިވާނެ ކަމަށެވެ. އަދި ދެން އިތުރަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދޭނީ ސަލާމަތީ ކަންކަން ބެލުމަށް ފަހު ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް