އައްޑޫ ބްރިޖުގެ ޑިޒައިނާއި ސާވޭ މަސައްކަތް މިސްރު ކުންފުންޏާ ހަވާލުކޮށް ސޮއިކޮށްފި

އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދަ އަރަބް ކޮންޓްރެކްޓާޒް"އާ މިއަދު ހަވާލުކޮށްފިއެވެ.

ދަ އަރަބް ކޮންޓްރެކްޓާޒްއިން އެ ބުރިޖުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިިދިޔަ މަހުގެ ތެރޭ އެ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލެއް އިކޮނޮމިކް ކައުންސިލުން ވަނީ ދިރާސާކޮށްފައެވެ.

https://sun.mv/187686

އެއަށް ފަހު، މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޑުއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އޮތް، ހުޅުދުއާއި މީދޫ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާގައި އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރުމަށް އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ދަ އަރަަބް ކޮންޓްރެކްޓާޒްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ތެރޭ ހިމެނޭ ހެބާ އަބޫލެއިލާއެވެ.

އައްޑޫ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ހެބާ ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ ސަރުކާރާ ގުޅިގެން މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިއަދަކީ އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސްކަމަށެވެ. ސަބަބަކީ ބްރިޖުގެ ވާހަކައަކީ ކޮންމެ ކޮންމެ ވެރިއަކަށް މީގެ ކުރިން ދައްކަން ނުކެރިފައި އޮތް އެއްޗަކަށްވުމުން ކަމަށް އޭނާ ވިދާޅުވިިއެވެ.

އޭނާ ވިދާޅުވީ މި ބްރިޖަކީ އައްޑޫ ބަދަލުކޮށްލަން ބޭނުންވާ އެއްޗެއްކަމަށެވެ. މި މަސައްކަތް ކުރަންޖެހޭ ސަބަބަކާމެދު ސުވާލު އުފެއްދުމުގެ ބޭނުމެއް ނެތްކަމަށް ވެސް ވިދާޅުވިއެވެ.

"އައްޑުއަށް އަންނަ އިންވެސްޓަރުންގެ ވިިސްނުން ބަދަލުކޮށްލަން އައްޑުއަށް ބްރިޖު ގެންނަނީ... ޑރ. މުއިއްޒު ބްރިޖު އަޅުއްވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ކަމެއް ކުުރައްވާނެކަން ޔަގީންކަމާ އެކު ވިދާޅުވާތީ ވެސް ބްރިޖު މަސައްކަތް ހިނގާނެކަމުގެ ޔަގީންކަން ލިބޭކަމަށެވެ.

އައްޑޫ ބްރިޖުގެ މަސައްކަތަކީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ. ހިތަދުއާއި ހުޅުމީދޫ ގުޅުވައިލާ މި ބްރިޖުގެ ސާވޭ މަސައްކަތަށް މި އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ.

ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅައިލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ އައްޑުއަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

comment ކޮމެންޓް