ޔޫރަޕުގެ އިއްތިހާދާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫރަޕުގެ އިއްތިހާދާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާއްސަބަތުގައި ރޭ ގެމަނަފުށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތް ވެސް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޔޫރަޕުގެ އިއްތިހާދާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރެއްވިޖެ ނަމަ ބައިނަލް އަގުވާމީ ބާޒާރުގައި ރާއްޖެއަށް ލުއި ލިބިގެން ދާނެ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު ގޮތްތައް ފަހި ކުރެވެން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި ޔޫރަޕަށް މަސް ބޭރުކުރަމުން ދާއިރު އަޅުގަނޑުމެންނަށް ޔޫރަޕަށް މަސް ބޭރު ކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާ އެކު. މިއީ ރާއްޖެ ފަދަ ނާޒުކު އިގްތިސާދަކަށް ތަހައްމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ބަދަހިކޮށްގެން ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މަސްވެރިކަން ދިރުވާ އާލާ ކުރުމަކީ ވާޖިބެއް ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް