ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ބައިވެރި ނުވުމުން ކޮމިޝަނުގެ މުވައްޒަފުން ނުރުހުން ފާޅުކޮށްފި އެވެ.
އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި މިދިއަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވީ އެޗްއާރުސީއެމްގައި ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރެކެވެ. އެއީ ކޮމިޝަނުގެ މެމްބަރުން އައިޝަތު އަފްރީން މުހައްމަދާއި ނައިވީން އަބްދުﷲއެވެ. އެޗްއާރުސީއެމްގެ މުވައްޒަފަކު ބުނިގޮތުން އެހެން މެމްބަރުން ވަޑައި ނުގެންނެވީ އެކި އުޒުރުތައް ދެއްކުމަށް ފަހު އެވެ.
އެމައްސަލާގައި އެޗްއާރުސީއެމްގެ މެމްބަރުން ހިމެނޭ ގޮތުން ހަދާފައިވާ ވައިބަ ގުރޫޕެއްގައި މުވައްޒަފުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެ މެސެޖުތައް 'ސަން' އަށް ވަނީ ލިބިފަ އެވެ.
"އެއްވެސް މުވައްޒަފަކު ހަފްތާއެއް ވަންދެން ސަލާން ނުބުނެވޭ. އޮފީހަށް ދާން ޖެހޭ ގޮތަށް އޮތީ. އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ފާހަގަ ކުރާތީ. އެކަމަކު އެދުވަސް ފާހަގަ ކުރުމުގެ ޖަލްސާއަށް މެމްބަރުންނަށް ނުދެވުނު." އެޗްއާރުސީއެމްގެ މުވައްޒަފަކު ބުންޏެވެ.

އެޗްއާރުސީއެމުން އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ އަހުމަދު އަވްޝަން
އެހެން މުވައްޒަފަކު ވައިބާ ގުރޫޕުގައި ބުނެފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ ޖަލްސާގައި ކޮމިޝަނުގެ ފަރާތުން ވާހަކަ ދައްކަން ޖެހޭނީ މެމްބަރެއް ކަމަށެވެ. ކޮމިޝަނުގެ މުވައްޒަފެއް ލައްވާ ޖަލްސާގައި ވާހަކަ ދެއްކުމަކީ މާރީތި ގޮތެއް ނޫން ކަމަށްވެސް އެ މުވައްޒަފު ވައިބާ ގުރޫޕުގައި ބުނެފައިވެ އެވެ.
ކޮމިޝަނުގެ މުވައްޒަފަކު ބުނިގޮތުން މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް ކޮމިޝަނުގެ އެއްވެސް މެމްބަރަކު ވައިބާ ގުރޫޕުގައި އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
" އެހެންވެ އެދުވަހު އިންސާނީ ހައްގުތަކާ ގުޅިގެން ޓީވީ ޕްރޮގްރާމްތަކަށް ގޮސް ވާހަކަދައްކަން މުވައްޒަފުން ވަނީ ދެކޮޅު ހަދާފައި. މުވައްޒަފުން ބުނި މެމްބަރުން އިސް ނުނަގާ ނަމަ ނުކުރާނެ ކަމަށް." މުވައްޒަފަކު ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްއަކީ އައިމިނަތު އީނާސް އެވެ. މެމްބަރުންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޒާހިދު އާއި މޫސާ އަލީ ކިލޭފާނުގެ އިތުރުން ނައިވީން އަބްދުﷲ އެވެ.

އެޗްއާރުސީއެމުން އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ އަހުމަދު އަވްޝަން
އިންސާނީ ހައްގުތަކާ ބެހޭ ދުވަހު އާންމުން ވަނީ ކޮމިޝަނުގެ މެމްބަރުންނަށް ސޯޝިއަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެކަކު ބުނިގޮތުން އެޗްއާރުސީއެމްގެ މެމްބަރުން އަދިވެސް މަގާމު ތަކުގައި ތިބުމަކީ އިންސާނީ ހައްގުތައް ހޯދަން މަސައްކަތް ކުރި މީހުންނަށް ކުރެވޭ ފުރައްސާރައެއް ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުވެސް ވަނީ އެޗްއާރުސީއެމްއާ މެދު ހިތް ހަމަ ޖެހި ފާޑު ވިދާޅުވެފަ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި އިންސާނީ ހައްގުތަކާ މެދު ހޭލުންތެރިކަން ފެތުރުމުގެ އިތުރުން، އިންސާނީ ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާ މެދު ދައުވާ ކުރަން ވެސް ގޮވާލަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ގާނޫނާ ހިލާފަށް ހައްޔަރުކޮށް އަށް މަސް ދުވަހު ޖަލުގައި ހޭދަކުރެއްވި އިރު އެތައް ހައްގެއް ގެއްލުނު ކަމަށެވެ.
ނަމަވެސް، އެޗްއާރްސީއެމް އިން އެކަމާ ގޫޅޭ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެޗްއާރްސީއެމްއާ އެކު އެމަނިކުފާނަށް ކުރެވިފައި ވަނީ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށް ވިދާޅުވި އެވެ.