ދ. މީދޫ ކައުންސިލުގެ ރައީސްގެ މަގާމުގެ އިތުރު ބުރުގެ ވޯޓު ނެގުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއެކު ކަމަށާއި، ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖައްސައިފައި ނެތް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
އެޗްއާރްސީއެމުން ބުނީ، އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބެލުމަކީ ގާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައި އޮތް މަސްއޫލިއްޔަތެއް ކަމަށާއި، އެހެންކަމުން މިއަދު ބޭއްވި އިންތިޚާބަކީ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި، އަދި ހާމަކަން ބޮޑު ވޯޓެއްތޯ ކަށަވަރުކުރުމަށް ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ގޮތް ކޮމިޝަނުން ބަލައިފައިވާނެ ކަމަށެވެ.
އެގޮތުން ވޯޓުގެ ކަންކަން ހިނގައިދިޔަ ގޮތް ބެލިއިރު، ވޯޓުގެ ކަންކަން ގެންގޮސްފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ކަން ފާހަގަކުރެވުނު ކަމަށް، އެޗްއާރްސީއެމުން ބުންޏެވެ.
އަދި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވުމަށް ފުލުހުން އަދާކުރި ދައުރާއި، ކެންޑިޑޭޓުންނާއި ޕާޓީތަކުންނާއި ވޯޓުލީ މީހުން ޑިމޮކްރެޓިކް ރޫހު ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތްވެސް ފާހަގަކުރެވުނު ކަމަށް، އެ ކޮމިޝަނުން ބުންޏެވެ.
އެކަމަކު އެޗްއާރްސީއެމުން ބުނީ، ވޯޓުލުމުގެ އިންތިޒާމުތައް ރަނގަޅުވިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު، ވޯޓުލުން ކުރިއަށް ދިޔަ މީދޫގެ ދެ މަރުކަޒުގައި ނެތް ކަމަށެވެ.
މިއަދު ބޭއްވި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރުބުރު ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ.
އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިގެންވެއެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.
ޖުމްލަ ތިން ފޮށި ބެހެއްޓިއިރު، ކޮންމެ ފޮއްޓަކުން ވެސް ކުރި ހޯއްދެވީ ސުހާއެވެ.
ޖުމްލަ ވޯޓުލީ 985 މީހުންނެވެ. ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް ހަތް ވޯޓު ހިމެނެއެވެ.
އެހެންކަމުން ސުހާއަށް އިންތިޚާބު ކާމިޔާބުވީ 80 ވޯޓު އިތުރަށް ލިބިގެންނެވެ.
އެއާއެކު، ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތުވެސް ލިބިފައިވަނީ ޕީއެންސީއަށެވެ.