އެޗުއާރްސީއެމްއާ މެދު މައުމޫން ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްހަމަޖެހިވަޑައިނުގަންނަވާކަން މިއަދު އެމަނިކުފާނު ހާމަ ކުރައްވައިފި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން މިރޭ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި އިންސާނީ ހައްގުތަކާ މެދު ހޭލުންތެރިކަން ފެތުރުމުގެ އިތުރުން، އިންސާނީ ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާ މެދު ދައުވާ ކުރަން ވެސް ގޮވާލަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ގާނޫނާ ހިލާފަށް ހައްޔަރުކޮށް އަށް މަސް ދުވަހު ޖަލުގައި ހޭދަކުރެއްވި އިރު އެތައް ހައްގެއް ގެއްލުނު ކަމަށެވެ.

ނަމަވެސް، އެޗްއާރްސީއެމް އިން އެކަމާ ގޫޅޭ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެޗްއާރްސީއެމްއާ އެކު އެމަނިކުފާނަށް ކުރެވިފައި ވަނީ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އޭރު އެމީހުން [އެޗްއާރްސީއެމް އިން] އަޅުގަނޑާ ބައްދަލު ކުރި އެއްފަހަރަށް ވުރެ ގިނައިން. އަޅުގަނޑު ތަހައްމަލު ކުރި ކަންތައްތައް ކިިޔައިދިނިން. އެކަމަކު އެއްވެސް ފިޔަވަޅެއް އެޅިތޯ؟ އަޅުގަނޑަށް އެނގިފައެއް ނެތް،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ބަލި ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އޭރު އެމަނިކުފާނުގެ ވަކީލުން ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށް ފަރުވާ ދޭން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. ނަމަވެސް، ގޭބަންދަށް ބަދަލުކޮށްފައި ނުވެ އެވެ.

comment ކޮމެންޓް