އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ބަޖެޓް ފާސްވެގެން ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ޓްރާންސިޝަން ކޮމޮޓީގެ މަޝްވާރާ އެކު ނިމިދިޔަ ސަރުކާރުން މަޖިލީހަށް 26.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އެވެ. މިދިޔަ މަހު 28 ވަނަ ދުވަހު އެ ބަޖެޓަށް ބަދަލު ގެނެސް ކޮމިޓީން ފާސް ކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ 30.2 ބިލިޔަން ރުފިޔާ ބަޖެޓެއް ފާސްކޮށްފަ އެވެ.
އއ.އަތޮޅަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފެރިދޫއަށް ވަޑަައިގެން ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރަށް ފާސްކޮށްފައިވާ އެ ބަޖެޓަކީ ސަރުކާރުން އެންމެ ބޭނުން ވި ގޮތަށް ފާސް ވެގެން ދިޔަ ބަޖެޓެއް ނޫން ކަމަށެވެ.
"އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ އަޅުގަނޑުމެން އެންމެ ބޭނުންވި ގޮތަށް އޮތް ބަޖެޓެއް ނޫން. އެއީ ކުރީ ސަރުކާރުން އަޅުގަނޑުމެންނަށް ވާރުތަވި ބަޖެޓެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވި ހުރިހާ ކަމެއް ލިބުނު ކުޑަވަގުތުކޮޅުގައި ބަޖެޓްގައި ނުހިމެނުނު ކަމަށެވެ. ނަމަވެސް 2020 އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިސްކަން ދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ފެރިދޫގެ ބޯފެނާއި ނަރުދަމާގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށާއި އެ މަޝްރޫއު އަކީ އެ ރަށުގެ ތައްރަގީގެ ފެށުން ކަމަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްތަކޭ އެއްފަދަިއން ފެރިދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
އެ ރަށަކީ ލޯކަލް ޓުއަރިޒަމް ވިޔަފާރި ފުޅާ ދައީރާއެއްގައި ކުރަމުން އަންނަ ރަށެށް ކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ތިމާވެއްޓާއި ރަށުގެ ކުނި މެނޭޖް ކުރުން، އަދި ވެސް އެހެނިހެން އަސާސީ ހައްގުތައް ހޯދައިދިނުމުގައި ސަރުކާރު އިހުމާލު ނުވާނެ ކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ.
ރައީސް ސޯލިހ އިތުރަށް ވިދާޅުވީ، ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށާއި ސަރުކާރުގެ ކުރިމަތިގައި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށެވެ.
ރައީސް ސޯލިހް ވަނީ މިއަދު ހެނދުނު އެއަތޮޅުގެ އުކުޅަހަށް ވެސް ވަޑައިގެންފަ އެވެ.