ކޮރަޕްޝަން ހާމަ ކުރާ ނަމަ ހިމާޔަތް ދޭން އުޅެނީ ޕީޕީއެމް މެމްބަރުން ހައްޔަރު ކުރަން: އަދުރޭ

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަށް މަޖިލީހަށް ބިލު ހުށަހަޅާފައި ވަނީ ޕީޕީއެމްގެ އިސް ފަރާތްތައް ހައްޔަރުކޮށް ޖަލަށް ލުމަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ވަކިން ވަކިން ނަންތަކެއްގައި ބިލު ހުށަނާޅާ ޕީޕީއެމް އަށް ނިސްބަތްވާ މެމްބަރުން ހައްޔަރު ކުރުމުގެ ބިލު ހުށަހަޅަން އެދިވަޑައިގެންފަ އެވެ.

"ކޮންމެ ބިލެއް ގެންނެވީމަ މިތާ ނަންތައް ލިޔުއްވާ ލައްވާ. އެކެއް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. ދޭއް އަބްދުއްރަހީމް އަބްދުﷲ. ތިނެއް އަހުމަދު ނިހާން ހުސައިން މަނިކު. މިހެން ގޮސް ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ނަންތައް ލިޔެލާފައި މި މީހުން ހައްޔަރު ކުރުމުގެ ގާނޫނު." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަނާއި މަރުތައް ތަހުގީގު ކުރާ ކޮމިޝަންތަކަށް ބާރުދޭ ބިލާ ރާއްޖޭގައި ތިބި ހުރިހާ ގާނޫނީ ވަކީލުން ވެސް ދެކޮޅު ކަމަށެވެ. އަދި ގާސިމް އިބްރާހިމަށް އިޝާރާތް ކުރައްވައި ވިދާޅުވީ "ހުދު މަނިކުފާނު ވެސް އެކަމާ ދެކޮޅު" ކަމަށެވެ.

އެހެންނަމަވެސް ބިލާ ދެކޮޅަށް ގާސިމް އިބްރާހިމަށް އެއްޗެއް ވިދާޅުވާން ނުކެރިގެން އުޅެނީ އެމަނިކުފާނާ "ދެތިން ވިގަނި ފާވެގެން" އުޅޭތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ވިގަންޏަކީ ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެމީހުންނަކީ [ރިޔާޒަކީ] ޒާތީ ހަސަދައެއް ނޫންކަމެއް އޮތް ބައެއް ނޫން. އިންސާފުވެރިކަމެއް އޮތް ބައެއް ނޫން. އަދުލުވެރިކަމެއް އޮތް ބައެއް ނޫން. މަނިކުފާނު [ގާސިމް އިބްރާހިމް] އަޅުގަނޑަށް އެނގޭ އެމީހުން ފޮޅާލާފައި ވެސް މި ގައުމަށް ޓަކައި ކުރަން ޖެހޭ ކަމެއް ކުރައްވާނެ ކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ ކުރިން ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އަބްދުއްރަހީމް ވަނީ އާދަޔާ ހިލާފަށް ގާސިމް އިބްރާހިމަށް ތައުރީފު ކުރައްވައިފަ އެވެ. ވިދާޅުވީ މިގައުމަށް ދެރަގޮތެއްވާ އިރު ގާސިމް އިބްރާހިމް ބައްލަވަން ނީންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މަނިކުފާނަށް [ ގާސިމް އިބްރާހިމް] މިވާހަކަ މި ދަންނަވަން ޖެހޭ ސަބަބަކީ މަނިކުފާނަކީ ފެށުނީއްސުރެ މިއަދާ ހަމައަށް ގައުމުގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅަކަށް ވާތީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް ނޫނީ ރާއްޖެއަށް ހެޔޮއެދޭ މީހަކު ނެތް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލއްގައްޔޫމަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ދެން އުޅެނީ 30 އަހަރު ދުވަހު ވެރިކަން ކުރައްވާފައި އެކަމުގެ ލައްޒަތުން ނެއްޓެއް ނޭނގިގެން އުޅޭ މީހުން ކަމަށެވެ.

ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ގުޅިގެން ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލު ބޭރު ކޮށްލެވިދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް