މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އާ ރައީސަކަށް، ނިމިދިޔަ ދެ ދައުރުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ސުއޫދު މިއަދު އައްޔަން ކޮށްފިއެވެ.
މަޓާޓޯގެ ރައީސަކަށް ސުއޫދު ހޮވީ މިއަދު ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި، ނިމުނު ދެ ދައުރު އެ އެސޯސިއޭޝަނުގެ ރައީސް ކަން ކުރެއްވި އަބްދުﷲ ގިޔާސް ވަނީ ނައިބު ރައީސަކަށް އައްޔަން ކުރަން ފާސްކޮށްފައެވެ.
އޭގެ އިތުރުން އެ އެސޯއިއޭޝަނުގެ އެގްޒެކެޓިވް ބޯޑަށް، މުހައްމަދު ފިރާގާއި، އައިމިނަތު ނީނާ ނިޒާރާއި، މުހައްމަދު ހަލީލު އަދި އިގްނާޒް މަންސޫރުގެ އިތުރުން ހާތިމް ހަސަން އައްޔަން ކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން، ކުރިއަށް އޮތް ދައުރުގެ ހަޒާންދާރަކަށް އަހުމަދު ފިޔާޒު އައްޔަން ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_154375809115DvFS.jpg)
މަޓާޓޯއިން މިޔަދު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ރައީސްއާއި ނައިބު ރައީސް އަދި ހަޒާންދާރާއި އެކު މަޓާޓޯގެ އެގްޒެކެޓިވް ބޯޑުގައި ތިބެނީ ނުވަ މެމްބަރުންނެވެ. އަދި އެ މަގާމުތަކަށް ކުރިމަތި ލާފައިވަނީ އެ އަދަދަށް ކަމުން މިއަދު ނެގި ވޯޓުން އެއްވެސް މެމްބަރެއް ކަޓައިގެނެއް ނުދެއެވެ.
މަޓާޓޯގެ އާ ރައީސް ވިދާޅުވީ، އެ ޖަމިއްޔާ މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމަށް ހުރިހާ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުމަށް ވެސް ސުއޫދު އެދިވަޑައިގެންނެވި އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_154375811324viMT.jpg)
މަޓާޓޯއިން މިޔަދު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ގިޔާސް މަޓާޓޯގެ ރައީސް ކަމުން ވަކިވަމުން ވަނީ އޭނާގެ ދެ ދައުރުގައި އެ ޖަމިއްޔާ ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާ ރައީސްކަމާ ހަވާލުވި އިރު އެ ޖަމިއްޔާގެ އާމްދަނީގައި ހުރީ 300،000 ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު ހަތަރު މިލިޔަނަށް ވުރެ އިތުރުކަން ފާހަގަކުރިއެވެ. އޭގެ އިތުރުން އެ ޖަމިއްޔާއިން ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ ކަންތައްތަކެއް ކުރި ކަން ވެސް ގިޔާސް ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި މަޓާޓޯ ރީބްރޭޑް ކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި މެމްބަރުންގެ ފީ 5،000 ރުފިޔާއިން 7،000 ރުފިޔާއަށް އިތުރުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އަދި ނޮން ވޯޓިން މެމްބަރުންގެ ފީ 3،000 ރުފިޔާއިން 5،000 ރުފިޔާއަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ޕާޓާ މޯލްޑިވްސް މަޓާޓޯއާ ގުޅިގެން ހިންގަން ފެށުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އިންޑިޕެންޑެންޓް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ކޮށްގެން އެ ޖަމިއްޔާ ހިންގަން ކުރިން ފާސްކުރި ނިންމުން ހޯމް މިނިސްޓްރީން ބަލައި ނުގަތުމުން މިއަދު އަލުން ވަނީ އެ ނިންމުންވެސް ފާސްކޮށްފައެވެ.