ދިރާގުން ކުރިއަށްގެންދިޔަ 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ނަސީބުވެރިޔާއާ ބޯޓު ހަވާލުކޮށްފިއެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކީ ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ޚާއްސަ އިވެންޓުގައި، އޭނާއަށް އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސްވަނީ ހަވާލުކޮށްފައެވެ.
އެ އިނާމް ހަވާލުކުރުމަށް ބޭއްވި ހަރަކާތުގައި، ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި އަލް ޝާލީ މެރިންއާއި އެލިއާ އިންވެސްޓްމަންޓްސްގެ އިސް އޮފިޝަލުން ބައިވެރިވެފައި ވާކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ނަސީބުވެރިޔާ ފަޔާޒް ބުނީ މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރިއިރު، މި އިނާމް ލިބިދާނެކަމަށް ހީނުކުރާކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ، ދަރިފުޅު ހިތްހަމަޖައްސައިދޭން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެންކަމުން، މި ބޯޓު ލިބިނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވިކަމަށް ފަޔާޒު ވަނީ ބުނެފައެވެ. އަދި، ދިރާގުން ކަސްޓަމަރުންނަށް މި ފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދެމުންދާތީ އެކަމަށްޓަކައި ދިރާގަށް ޝުކުރު އަދާކުރާ ކަމަށް ފަޔާޒް ވަނީ ބުނެފައެވެ.
ފަޔާޒަކީ މީގެ 16 އަހަރު ކުރިން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ޚިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި، 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންއަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16އިން ފެށިގެން ޑިސެމްބަރު މަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.
މި ބޯޓަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެއްކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ. އެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ޚާއްސަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ.