ޕެޑްގެ މައްސަލައިގައި ވައްޑެ ދެއްކެވި ވާހަކައިން އީވާ ރަތަށް!

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދުގެ މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

އަންހެނުން މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ބާވަތްތަކުން ނަގާ ޓެކްސް ކަނޑާލުމަކީ އަންހެނުންނަށްވުރެ ފިރިހެނުންނަށް ވާ ލުޔެއް ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އޭނާއަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕެކްސްއިން ޖީއެސްޓީ ކަނޑާލުމާ ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސުގައި ގިނަ މެމްބަރުން ވިދާޅުވީ އެއީ އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

އެހެން ނަމަވެސް ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ މެމްބަރުންގެ ވާހަކަތައް އެގޮތަށް ބިނާކުރުމުން ރައްޔިތުންނަށް އޮޅުން އަރާނެކަމަށެވެ.

"އަންހެން ކަނބަލުންނަކީ ކޮންމެވެސް ފިރިހެނެއްގެ، ފިރިމީހާ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ އަޚު ނުވަތަ ފިރިހެން ވާރުތަވެރިޔާގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ މީހެއް. އެހެންވުމުގެ ސަބަބުން އެކަނބަލުންނާ ހެޔޮގޮތުގައި މުއާމަލާތްކުރުމާއި ހަރަދުބަރަދު ދިނުމަކީ ފިރިހެނުންގެ ޒިންމާއެއް،" މެމްބަރު ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަންހެނުންނަށް އިހުތިރާމާއި ގަދަރު ދެވޭނީ ހަމައެކަނި ޕެޑުން ޓެކްސް ކަނޑާލައިގެން ނޫންކަމަށެވެ. އަދި އަންހެނުންނަށް ހަރަދުކުރަންޖެހެނީ ފިރިހެނުން ކަމަށް ވާތީ، ޕެޑުން ކަނޑަލާ ޓެކުހަކީ ފިރިހެނުންގެ އަތްމައްޗަށް އަންނަ ލުޔެއްކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"އެކަނބަލުންނަކީ ހަގީގަތުގައިވެސް ފިރިން ނުވަތަ ބައްޕައިންގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެއް. އެކަން ހަނދާން ނެތި ހަމައެކަނި މިއީ އަންހެނުންނަށް ވަރަށް ރަނގަޅަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވާހަކަދެއްކުމުގެ ބަދަލުގައި މިއީ އަންހެނުންނަށް އެހީތެރިވެދިނުމުގެ ގޮތުން މިއީ ފިރިހެނުންގެ އަތްމައްޗަށް ހަރަދުކުރުމަށް ދޭ ލުޔެއްގެ ގޮތުގައި ފާހަގަކުރުން މާ ރަނގަޅުކަމަށް ފެނޭ،" ވަހީދު ވިދާޅުވިއެވެ.

ވަހީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ޕެޑުން ޓެކްސް ކަނޑާލުމަކީ ސީދާ އަންހެނުންނަށް ލިބޭ ލުޔެއް ކަމަށާއި "މިއީ ކޮންމެހެން ފިރިހެނުންނަށް ލިބޭ ލުޔެކޭ ކިޔައިގެން ވާހަކަ ދައްކާނެކަމެއް ނެތް،" ކަމަށެވެ.

"މިއީ ފިރިހެން މީހާއަށް ހޯދައިދިން ލުޔެކޭ، ފިރިހެން މީހާގެ އަތްމައްޗަށް ހޯދައިދިން ލުޔެކޭ، މިއީ ދެން މިހާރު އަޅުގަނޑުމެން ދައްކާ ފެންވަރުގެ ވާހަކައެއް ނޫން،" އީވާ ވިދާޅުވިއެވެ.

"މިއީ އަންހެނުންގެ ހައްގެއް!"

އީވާ ވިދާޅުވީ، އަންހެނުންނަކީ މަސައްކަތެއް ނުކޮށް، އަދި އާމްދަނީއެއް ނުލިބޭ ބައެއްގެ ގޮތުގައި ދެކެމުން އަންނަ ދެކުން ދުއްވާލަން ޖެހެއެވެ.

"ވަޒީފާއަށް ނުކުންނަ އަންހެނުން މަދީއެއް ނޫން. ރާއްޖޭގެ އިގްތިޞާދު ހިފަހައްޓައިދޭން އަންހެނުން ކުރާ މަސައްކަތް މަދީކީއެއްނޫން. އަންހެނުންގެ ދައުރު ކުޑައީކީ ނޫން. އަޅުގަނޑު ކުރިމަތީގައި ހުރި މޭޒުގައި [މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އިދާރީ މޭޒުގައި] ތިބި ހުރިހާ މުވައްޒަފުންނަކީ އަންހެނުން. އަދި އުޖޫރައެއް ނުލިބި ގޭތެރޭގައި އަންހެނުން ކުރާ މަސައްކަތްވެސް. ދަރިން ބެލުމާއި މުސްކުޅި މައިންބަފައިން ބެލުމާއި ގޭތެރެ ބެލެހެއްޓުމާ މި ހުރިހާ ކަމަކީވެސް އާމްދަނީ ނުލިބުނުކަމުގައި ވިޔަސް އަންހެނުންނަށް އާމްދަނީ ހައްގު މަސައްކަތް،" ވައްޑޭއަށް އީވާ ރައްދު ދެއްވިއެވެ.

އީވާ ވިދާޅުވީ، މައްސަރު ކަންތަކާ ގުޅިގެން ސެނިޓަރީ ނެޕްކިންސް ގަތުމަކީ އަންހެނުންނަށް ލަގްޒަރީއެއް ނޫންކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"މިއީ އެއާ ނުލާ އަޅުގަނޑުމެންނަށް ނުވާނެ އެއްޗެއް. އެއީ ހަމަ އަންހެނުންނަށް އޮތް ހައްގެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް