މަކަރާއި ހިލަތް ހެދުމުގެ ދައުވާއިން ފަތުހު ހައްޖު ގްރޫޕްގެ ވެރިޔާ ސަލާމަތް ވެއްޖެ

ފަތުހު ހައްޖު އެންޑް އުމުރާ ގްރޫޕު އޮފީސް: އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް އުފުލި ދައުވާ ސާބިތެއް ނުވި -- ސަން ފައިލް ފޮޓޯ

ދައުލަތުން އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއިން އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްޠަފާ މުޙައްމަދުދީދީ ސަލާމަތް ވެއްޖެއެވެ.

މީގެ ހަތަރު އަހަރުން ކުރިން 2015 ވަނަ އަހަރު، މުސްތަފާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އަދި ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ދެއްކި މީހުން ހައްޖަށް ގެންގޮސް ނުދިނުމުން ސަރުކާރުން އެ މީހުން ހައްޖަށް ފޮނުވަން ޚަރަދުގެ ގޮތުގައި ހިނގި 6.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުސްތަފާ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.

މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރުން ދިން ކޯޓާއަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ނަގާފައިވާ ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ދެއްކެވި ވާހަކަތަށް ބާރުލިބޭ ގޮތަށް ދިފާއީ ހެކިން ހެކިބަސް ދީފައިވާ ކަމަށާއި އެކަން ނަފީކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ފަތުހު ޖަމާއަތުގެ ހިދުމަތް ހޯދުމަށް ދައްކާފައިވާ ފައިސާއާ ގުޅިގެން ގާނޫނާ ހިލާފް އެއްވެސް އިރުޝާދެއް ނުވަތަ އެއްވެސް ސިފައަކުން އެއްވެސް މުއާމަލާތެއް ދައުވާލިބޭ ފަރާތް ކޮށްފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ޝަރީއަތަށް ހުށަހެޅިފައި ނުވޭ،" މިދިޔަ މަހު ނުވަ ވަނަ ދުވަހު ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވެއެވެ.

ފަތުހު ޖަމާއަތުން ކުރާ ހުރިހާ ކަމެއް ކުރަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި އެޔާ ހިލާފަށް އެއްވެސް ކަމެއް މުސްތަފާ ކޮށްފައިނުވާކަން ހެކިންގެ ހެކި ބަހުން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ވެއެވެ.

ފަތުހު ގްރޫޕްގެ އެހެން އެއްވެސް ޑިރެކްޓަރެއް އަދި މުވައްޒަފެއްގެ މައްސަލަ ނުބަލައި ހަމައެކަނި މުސްތަފާގެ މައްޗަށް ކޮށްފައިވާ ތަހްގީގަކީ ފުރިހަމަ ނުވާ ތަހްގީގެއް ކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ވެއެވެ.

"މި ދައުވާ އެމައްޗަށް ބިނާކޮށްފައިވާ ތަހްގީގަކީ ފުރިހަމަ ނޫން ގާނޫނީ ގޮތުން ބާތިލް ތަހްގީގެއްކަމަށް ކަނޑައަޅައި ދައުލަތުން މ.އެކްސެލް މުސްތަފާ މުހައްމަދުގެ މައްޗަށް ކުޅަ މަކަރާ ހީލަތްހެދުމުގެ ކުށުގެ މި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމްކޮށް،" ހުކުމުގައި ވެއެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލައިގައި ފުލުހުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ މުސްތަފާ ދޫކޮށްލާފައެވެ.

ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ.

comment ކޮމެންޓް