ޓެކްސްގެ ގޮތުގައި 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މިއަދުގެ ނިޔަލަށް މެގަ މޯލްޑިވްސް އިން ވިތް ހޯލްޑިން ޓެކްސްގެ ގޮތުގައި 34.4 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހި ނުދައްކާ އޮތްކަން އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ކަނޑައެޅިފައިވާ ތާރީޚަށް ގާނޫނުގައިވާ ގޮތުގެމަތިން އެކުންފުނިން ވިތު ހޮލްޑިން ޓެކްސް ދައްކާފައިނުވާތީ އާއި ވިތު ހޮލްޑިން ޓެކްސް ދައްކާފައި ނުވާތީ މިއަދާ ހަމައަށް ޖޫރިމަނާގެ ގޮތުގައި 21.3 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް އެ ހުކުމްގައިވެއެވެ. އަދި އިންޓްރެސްޓުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
އެ ފައިސާ މެގަ މޯލްޑިވްސް އިން މީރާއަށް ދައްކަންޖެހިފައި އޮންނަކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމްގައި މެގަ މޯލްޑިވްސް އަށް އަންގާފައި ވަނީ ދައްކަންޖެހޭ ޖުމްލަ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސް ކުރުމަށެވެ.
އެ ހުކުމް ކޮށްފައި ވަނީ މެގަ މޯލްޑިވްސްގެ ޣައިރު ހާޒިރުގައެވެ.
އަމިއްލަ ކުންފުންޏަކަށް ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ދައްކަން މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މާލީގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން މެގަ މޯލްޑިވްސްގެ އޮޕަރޭޝަންތައް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޮތީ ހުއްޓާލާފައެވެ.