ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުޙައްމަދު ދީދީއަށް ރިޓަޔާމަންޓް އިނާޔަތްތައް ދޭން، ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކޮށްފިއެވެ.
އިބްރާހީމް މުހައްމަދު ދީދީއަށް ރިޓަޔާމަންޓް އިނާޔަތްތައް ދޭން، ސިވިލް ކޯޓުން އަމުރުކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ރިޓަޔާ ކުރެއްވި ނަމަވެސް، މިހާތަނަށް ރިޓަޔާމަންޓް އިނާޔަތްތައް ލިބިފައިވާ ނުވާތީ އެ އިނާޔަތްތައް ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުންނެވެ.
މި މައްސަލައިގައި އިބްރާހީމް މުހައްމަދު ދީދީ އެދިފައި ވަނީ ރިޓަޔާމަންޓް ބެނިފިޓްގެ ގޮތުގައި އެއް ފަހަރާ ދޭން ލާޒިމުކުރާ ފައިސާ ހޯދުމަށާއި، މަހުން މަހަށް ދޭން ޖެހޭ ފައިސާ ހޯދުމަށް އަދި މެޑިކަލް އިންޝުއަރެންސްގެ ކަންކަން ހަމަ ޖެއްސުމަށެވެ.
ހަމައެއާއެކު 2006 ވަނަ އަހަރުން ފެށިގެން ޕްރިޒަންސްގައި މަސައްކަތް ކުރުމަށް ފަހު، މިދިޔަ އަހަރު ރިޓަޔާ ކުރި އޭނާގެ ދައުވާގެ ޖަވާބުގައި ކަރެކްޝަންސްއިން ބުނެފައި ވަނީ ރިޓަޔާމަންޓް ފައިސާ ހަމަޖައްސައި ދޭން ދެފަހަރެއްގެ މަތިން ފިނޭންސް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި އެ ފައިސާ ހަމަޖައްސައި ދިނުމަކީ ފިނޭންސް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށް ވާތީ ކަރެކްޝަންސްއަށް ރައްދުވާ ގޮތަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެ އިދާރާގެ ފަރާތުން އެދިފައިވެއެވެ.
އެހެންނަމަވެސް، ޝަރީއަތުން ނިންމީ، ކަރެކްޝަންސްއިން މި މައްސަލައިގެ ތެރެއަށް ފިނޭންސް މިނިސްޓްރީ ތަދައްޚުލް ކުރަން ވެސް އެދިފައިނުވާ ކަމަށް ބަލައި، ކަރެކްޝަންސްގެ މައްޗަށް ހުކުމް ކުރާށެވެ.
ބުރާސްފަތި ދުވަހު، ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރި ހުކުމުގައި ބުނެފައި ވަނީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި އަހްމަދު އިބްރާހީމް ދީދީއަށް ދޭން ޖެހޭ ރިޓަޔާމަންޓް އިނާޔަތްތައް ދިނުމަށެވެ.
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނަވައި އޭރު އިބްރާހީމް މުޙައްމަދު ދީދީ ރިޔަޓާކުރައްވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް ރިޓަޔާ ކުރެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ. އެ މަގާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަނުކުރެއްވީ، ޖަނަވަރީ ދޭއް، 2019ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.