'ދައުރު' ނޫހުގެ އެޑިޓަރު މޫސާ ލަޠީފް, ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫގުގެ ވާހަކަ ލިޔުއްވައިފައިވާ ރިޕޯޓު 'ޑްރާފްޓް'އަށް ބަދަލުކުރުމަށް، ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
އަޒާންގެ އަބުރަށް މޫސާ އަރައިގަނެފައިވާ ކަމަށް ބުނެ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅެވެ.
މޫސާގެ މައްޗަށް ދައުވާ އުފުލައިފައިވަނީ 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުޚީގެ ދަށުން ލިޔެފައިވާ އާޓިކަލަކާ ގުޅިގެންނެވެ.
އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ލިޔުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އެ ލިޔުން ނެގުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ.
މީގެ އިތުރުން، އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އާއި، ގާނޫނީ ޚަރަދަށް ހިނގި 28،670 ރުފިޔާގެ އިތުރުން، މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އަޒާން ވަނީ އެދިވަޑައިގެންފައެވެ. އަދި މި މައްސަލަ ބަލައި ނިމެންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެހެން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުالله ނެރުއްވި އަމުރުގައިވަނީ، އަޒާން އެދިފައިވާ ގޮތަށް އަމުރު ނުނެރެފިނަމަ، މޫސާ ލިޔުއްވި އާޓިކަލް ގިނަ މީހުންނަށް ފެނި، އޭގެ ސަބަބުން އަޒާންގެ އަބުރަށް ލިބިފައިވާ ގެއްލުމަށްވުރެ އިތުރަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި، ހިމާޔަތްކޮށްދޭންޖެހޭ ގާނޫނީ ހައްގެއް ފެންނަން އެބައޮތް ކަމަށް، އަމުރުގައިވެއެވެ.
'ދައުރު'ގައި މޫސާ ލިޔުއްވައިފައިވާ އާޓިކަލްގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް"އަށް ބަދަލުކުރުމަކީ ލިއުން ފުހެލުން ނޫން ކަމަށާއި، މިހާރު އެ ލިޔުން އޮތް ހާލަތުގައި ކޮންމެ މީހަކަށް ކޮންމެ ވަގުތެއްގައި އެ ލިޔުން ހުޅުވައި ފުރުސަތު އޮތް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
އެ އާޓިކަލް "ޑްރާފްޓް"އަށް ބަދަލުކުރި ނަމަވެސް، މޫސާއަށް ގެއްލުންވާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވެން ނެތް ކަމަށްވެސް، ގާޒީ އަލީގެ އަމުރުގައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ތުހުމަތުކުރާ ކޮންޓެންޓަކާ ގުޅިގެން 'އަދަދު' ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފައިވާ ދަނޑިވަޅެއްގައެވެ. ފިޔާޒާއި ޙަސަން ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.
އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ޚަބަރެއް ގެނެސްދިނުމާއި ރައީސާ ސުވާލުކުރި މައްސަލައިގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ބަންދުކުރުމަށްފަހު، މިހާރު ވަނީ ދޫކޮށްލައިފައެވެ.