ސަރުކާރުގެ ފުރަތަމަ 100 ދުވަހުގައި ކުރުމަށް ނިންމާފައިވާ ކަންކަން ހާސިލްކުރުމަށް ކުރައްވަން ޖެހޭ ކަންކަމާ ބެހޭ މައުލޫމާތު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައިވާ ކަންކަން ޙާސިލުކުރުމަށް ކުރައްވަންޖެހޭ ކަންކަމާބެހޭ މަޢުލޫމާތުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުޞޫލުތަކާއި، ވަޒީރުން ޢަމަލުކުރައްވަންޖެހޭ އުޞޫލުތަކުގެ މައުލޫމާތު ވެސް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވިއެވެ. އަދި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ވީހާވެސް އަވަހަށް ފެށްޓެވުމާއި، އެކަމެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް އެކަމެއް ނިންމެވުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެ ބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކާއި، ވަޒީރުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވެސް ވަޒީރުންނަށް މަޢުލޫމާތު އަރުވާފައިވެއެވެ.
އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފުތަރަމަ 100 ދުވަހުގެ ތެރޭގައި މުހިއްމު ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެ ވަޑައިގެންފިއެވެ.
އެގޮތުން އެމަނިކުފާނުގެ ފުރަތަމަ 100 ދުވަސް ނިމޭއިރު ކަރަންޓްގެ އަގު ހެޔޮކޮށް، ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް މުހިންމު ގިނަ ވައުދުތަކެއް ރައީސް ވަނީ 100 ދުވަސް ތެރޭގައި ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.