ޕާކިސްތާނުގެ އަވަށްތަކުގެ އަންހެނުންނަށްވެސް ފާޚާނާގެ ދަތިކަން

ޕާކިސްތާނުގައި ހުންނަ ފާހާނާއެއް -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ފަގީރު އަވަށްތަކުގެ އަންހެނުންގެ ތެރެއިން 48 ޕަސެންޓު މީހުންނަކީ ފާހާނާގެ ވަސީލަތެއް ނެތް މީހުންނެވެ. އެމީހުން ފާހާނާއަށް ދަނީ ހާމަ ތަންތަނުގައެވެ.

"ފިރިހެނުންނަށް އެމީހުން ބޭނުން ތަންނަނަށް ފާހާނާއަށް ދެވޭ. އަހަރެމެން އަންހެނުން ތިބެން މިޖެހެނީ ދުވާލު ވަގުތު ފާހާނާ ނުކޮށް. ފެން ބުއިން މަދުކޮށްގެން" ޕާކިސްތާނުގެ ދަނޑުވެރި އަވަށެއްގެ އާއިޝާ ސިއްދީގާ 60، ބުންޏެވެ.

ދުވާލުގެ ބޮޑުވަގުތު ދަނޑުގައި މަސައްކަތްކޮށް އަންހެނުން އިންތިޒާރުކުރަނީ ރޭގަނޑު އަނދިރިވާނެ ވަގުތަކަށެވެ. ހަރުފަތަކާއި ބިރުވެރި ޖަނަވާރުތަކާ، ގޮތް ނޭނގޭ ފިރިހެނުންތަކުގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނަސް އެމީހުންނަށް އެނޫންގޮތެއް ނެތެވެ. ފާހާނާ ކުރަން ދާން ޖެހެނީ ހާމަ އަނދިރި ތަންތަނަށެވެ.

ފާއިތުވި 60 އަހަރު ސިއްދީގާ އުޅުނު މި ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. އެނާގެ ގޭގެ ކުރިމަތީ ރަތް ގަލުން މިހާރު ވަނީ ފާހާނާއެއް އަޅައިފައެވެ. މިއީ ޕާކިސްތާނުގައި ފާހާނާގެ ހިދުމަތް ނުލިބި ތިބި މީހުންނަށް ފާހާނާގެ ހިދުމަތް ދިނުމަށް އެގައުމުގެ އެންޖީއޯއެއް ކަމަށްވާ އެލްއެލްޕީއިން ފެށި ޕްރޮޖެކްޓެކެވެ.

"އަންހެނުން ބޭރަށް ފާހާނާ ކުރާތީ ކަންބޮޑުވާ ކަމަށް ފިރިހެނުން އެބަ ބުނޭ. އެކަމަކު އެކަން ހައްލު ކޮށްދޭން ގަބޫލެއް ނުކުރެވޭ. ޓީވީ ފަދަ ހިދުމަތްތައް ގެއަށް ދެވޭ އިރު އަންހެނުންނަށް ފާހާނާއެއް އަޅައި ނުދެވެންވީ ކީއްވެ؟" އެލްއެލްޕީއިން ބުނެފައިވެއެވެ.

ޔުނިސެފުން ބުނެފައިވަނީ ޕާކިސްތާނުގެ 22 މިލިއަން ކުޑަކުދިން ފާހާނާގެ ހިދުމަތުން މަހުރޫމުވެފައިވާ ކަމަށެވެ.

comment ކޮމެންޓް