ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ކުރީގެ ފަނޑިޔާރުގެ އަލީ ހަމީދުގެ އިތުރުން ކުރީގެ ޕީޖީ މުހުތާޒު މުހުސިން އަދި މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
އެ ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކުރަން މާލެ ގެނައި މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ގޭ ބަންދަށް ބަދަލު ކުރި ސަބަބެއް ކަރެކްޝަނަލް ސާވިސްއިން ސާފުކޮށެއް ނުދެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޭބަންދަށް ބަދަލުކުރުމަށް މިރޭ މޭލެ ގެނެސްފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ. އަދި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާ އަލީ ހަމީދުގެ މައްޗަށް ވަނީ ސާބިތުބެފައެވެ.

ކުރީގެ ޕީޖީ މުހުތާޒު މުހުސިން ގޭބަންދަށް ބަދަލުކުރުމަށް މިރޭ މޭލެ ގެނެސްފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މުހުތާޒާއި ނިހާން ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި ކަމަށް ބުނާ މައްސަލަ ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.