އިޖުތިމާއީ ރައްކާތެރި ކަމަށް ބަޖެޓުގައި 3.8 ބިލިއަން ރުފިޔާ

ހުސްނުވާ އާސަންދަ އިފްތިތާހު ކުރި ހަފްލާގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 3،824 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. ބަޖެޓު ބަހާލާފައިވާ ގޮތުން ބަލިމީހުންނާއި ނުކުޅެދޭ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 1،293 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އާސަންދައަށް ކަނޑައަޅާފައިވާ 1،000 މިލިއަން ރުފިޔާ އާއި ބޭސް ފަރުވާ އަށް ދޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ 61 މިލިއަން ރުފިޔާ އެވެ.

އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރާ ހަރަދުގެ ގޮތުގައި ބަޖެޓުކޮށްފައި ވަނީ 1319 މިލިއަން ރުފިޔާ އެވެ.

އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ހަރަދުގެ ގޮތުގައި 1089 ރުފިޔާ ބަޖެޓުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ކަރަންޓު ސަބްސިޑީގެ ގޮތުގައި ދޭ 273 މިލިއަން ރުފިޔާ އާއި ކާޑު ސަބްސިޑީގެ ގޮތުގައި ދޭ 230 މިލިއަން ރުފިޔާގެ އިތުުރުން ކުނި އުކާލުމުގެ ހިދުމަތުގެ އަގުހެޔޮކުރުމަށް 70 މިލިއަން ރުފިޔާ އާއި ތެލުގެ އަގު ހެޔޮކުރުމަށް ދޭ ސަބްސިިޑީގެ ގޮތުގައި 500 މިލިއަން ރުފިޔާ އެވެ.

އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ލަފާކޮށްފައިވާ ބަޖެޓުގެ 99 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ އެއް ޕަސެންޓެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 23 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 26 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް