އަންނަ އަހަރު އިގްތިސާދީ ދުވެލި ހުންނާނީ 6.8 ޕަސެންޓުގައި

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.8 ޕަސެންޓުގައި ކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފިއެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ މެދުރާސްތާގައިވެސް ރާއްޖޭގެ އިގްތިސާދީ ދުވެލި މި މިންގަނޑުގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި މާބޮޑަށްވެސް ހަލުވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދީ ކުރިއެރުން އެވްރެޖު ގޮތެއްގައި ހުންނާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފައިވަނީ 3.7 ޕަސެންޓުގައި ކަމަށެވެ. އަންނަ އަހަރުވެސް އިގްތިސާދީ ދުވެލި މި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފް އިން ލަފާކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި އެންމެ ބޮޑަށް ފެންނަނީ ފަތުރުވެރިކަމުގެ ދާއިރާ އިންނާއި އިމާރާތްކުރުމުގެ ދާއިރާ އިން ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު މި ސިނާއަތަށް ބޮޑެތި ބަދަލުތައް އަންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރިއަލް އެސްޓޭޓުގެ ދާއިރާ އަކީވެސް އިގްތިސާދުގައި ކުރިއަރަމުން އަންނަ ދާއިރާއެއް ކަމަށެވެ. އެގޮތުން އިމާރަތްކުރުމުގެ ދާއިރާ އަށް ދޫކުރި ލޯނުގެ އަދަދު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 23.8 ޕަސެންޓު އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 21.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބަޖެޓް ޑެފިސިޓް 4.5 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ

comment ކޮމެންޓް