ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއިން) ވަކި ކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށް މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.
ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.
އެ މައްސަލާގައި މަޖިލީހުގައި ރިޒާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްޗަށް ހުށަހަޅާފައިވަނީ ގާނޫނާ ހިލާފު ކަމެއް ކޮށްގެން ނޫން ކަމަށެވެ.
"އަޅުގަނޑު ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ މިތާ ދައްކަމުން އެ ގެންދަވަނީ މުޅިންވެސް އެއްވެސް އަސްލެއް ގާނޫނީ އަސާސެއް ނެތް ހަގީގަތާއި ހިލާފު ރޯ ބުހުތާން ދޮގުކަމަށް ދިވެހި ރައްޔިތުންގެ އަރިހުގައި ވަރަށް ތެދެވެރިކަމާއެކު އަޅުގަނޑު ދަންނަވަން." އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވަމުން ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ މިހާރުވެސް އޭނާ އަމަލުކުރަމުން ދަނީ ޖޭއެސްސީގެ މެމްބަރަކު އަމަލުކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. ޖޭއެސްސީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ކުރަން ޖެހުނު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައި ނުވާނެކަމަށް ރިޒާ ވިދާޅުވިއެވެ.
އަދި އޭނާ މެމްބަރުކަމުން ވަކި ކުރަން ޖެހޭ ސަބަބަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅިގެން މަޖިލީހަށް ލަފާ ނުދޭތީ ކަމަށް ވިދާޅުވާއިރު، ލަފާ ނުދީގެން އުޅެނީ ކޮން މައްސަލައެއްގައިކަން ވިދާޅުނުވާކަމަށް ރިޒާ ވިދާޅުވިއެވެ.
"ވަކި މައްސަލައަކާ ގުޅިގެން އަޅުގަނޑުގެ މަޝްވަރާއެއް ނުވަތަ ލަފާއަކަށް މިއަދާ ހަމައަށްވެސް އައްސަވާފައެއް ނުވޭ،" ރިޒާ ވިދާޅުވިއެވެ.
ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އިރު ޖޭއެސްސީގެ މެމްބަރަކަށް ހުރެ ކޯޓުތަކުގައި ވަކާލާތުކުރާ މައްސަލަ ފާހަގަކޮށްފައިވެއެވެ.
ރިޒާ ވިދާޅުވީ އޭނާ މަޖިލީހުގެ މެމްބަރަކަށްވުމުގެ ކުރިން އޭނާއަކީ ގަނޫނީ ވަކީލެއް ކަމަށެވެ. އަދި ޖޭއެސްސީގައި އޭނާ ހުރެގެން ވަކީލުކަން ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް އެއްވެސް ގާނޫނަކު ކަނޑައަޅާފައި ނުވާކަމަށް ރިޒާ ވިދާޅުވިއެވެ.
"ގާނޫނީ ވަކީލުކަން ކުރުމަކީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް އަޅުގަނޑުގެ މައްޗަށް ހުށަހެޅި މައްސަލާގައި ވިދާޅުވެފައި އޮތުމަކީ ހިނި އަންނަން ޖެހޭ ކަމެއް،" ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަޖިލީހުގައި އޭނާ ޖޭއެސްސީއިން ވަކިކުރަން އެ ކުރާ މަސައްކަތް ނުވެސް ހުއްޓުވާނެކަަމަށް ރިޒާ ވިދާޅުވިއެވެ.
ރިޒާ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގައި، މައްސަލަ ހުށަހެޅުއްވި މެމްބަރު ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.
"މިގޮތުން އަދުލު އިންސާފު ގާއިމުކުރުމުގެ ކަންތައް ހިންގުމުގައްޔާއި ކޯޓާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭކަމަށް ގާނޫނު އަސާސީއިން ލާޒިމުކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ގާއިމު ނުވާކަމުގައި ރައްޔިތުންނާއި އދ. އާއި މުޅި ދުނިޔެއިން ފާހަގަކޮށް ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ލަފާދެއްވަމުން ނުދާ،" ކަމަށް ނާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.
އެ މައްސަލާގައި މިއަދު 1:30 ގައި ވޯޓަށް އަހާނެ ކަަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އިއުލާނުކޮށްފައެވެ.