އިންޑިއާ ވިޔަސް އަދި އެހެން ގައުމެއް ވިޔަސް އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެ ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ކަނޑުގެ މަސްލަހަތާއި އިންޑިއާގެ މަސްލަހަތު ގުޅިފައި ވަނީ އައްޑޫއާ ކަމަށް ވިދާޅުވެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައެއް ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ދީދީ ވިދާޅުވީ ނަޝީދު ދެއްކެވި ވާހަކަ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް އިންޑިއާއަށްވެސް އަދި އެހެން ގައުމަކަށް ވިޔަށް އަސްކަރީ އެއްވެސް ބޭނުމަކަށް ރާއްޖެ ނުދެވޭނެ ކަމަށް ދީދީ ވިދާޅުވި އެވެ.
" ރާއްޖެއަކީ ކުޑަޔަސް މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމަ ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ގައުމެއްގެ އަަސްކަރީ ބޭނުމަކަށް ނުދެވޭނެ." ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ގާނޫނުއަސާސީވެސް އެކަމަށް ތަން ނުދޭ ކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ހަވާލާ ދެއްވީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށެވެެ. އެ މާއްދާގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ އެއްވެސް ފަރާތަކަށް އަސްކަރީ ބޭނުމަކަށް ދެވޭނީ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަށް ތާއީދު ކުރާ ނަމަ ކަމަށެވެ.
ދީދީ ވިދާޅުވީ އެހެންވީމަ ނަޝީދަށް އެކަނި އެކަންކަމުގައި ޑެސިޝަން ނުނެގޭނެ ކަމަށެވެ. އަދި ހާއްސަކޮށް އާ ސަރުކާރުގައިވެސް ޑެސިޝަންތައް ނެގޭނީ ކެބިނެޓް މިނިސްޓަރުންނާއި ރައީސް އަދި ނައިބު ރައީސަށްކަން ދީދީ ފާހަގަ ކުރެއްވި އެވެ.
މިހަފްތާގެ އަންގާރަ ދުވަހު އައްޑުއަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫގައި ހުންނަވައި އައްޑޫ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ މަސްލަތަހަތު ގުޅިފައި ވަނީ އިންޑިއާ ކަނޑާ ކަމަށެވެ. އަދި އައްޑޫ ސިޓީ ވެގެން ދާނީ އިންޑިއާ އާއި ޗައިނާ ހަނގުރާމަ ނިމުމަކަށް ގެނެސްދޭ ސިޓީއަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީ އާއި މި ސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވާން ޖެހޭނެ. އަބަދު ވެސް ބައްލަވާނެ ޖެހޭނެ ތިޔަ ބޭފުޅުންނަކީ ހަމައެކަނިި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން." ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދު ވެރިކަމުގައި އެމްޑީޕީ ސަރުކާރުން ވަނީ އިންޑިއާ އާ ގާތް ގުޅުމެއް ބާއްވައިފަ އެވެ. އަދި އިންޑިއާގެ މިލިޓަރީ ބޭސްއެއް އައްޑޫގައި އަޅާ ކަމުގެ ވާހަކަތަކެއް ވެސް 2009 ވަނަ އަހަރު ދެކެވުނެވެ.
އަދި ރާއްޖޭގެ އެންމެ ބޮޑު ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 50 އަހަރަށް ކުއްޔަށްދިނެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަނބުރާ ނެގީ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2012 ވަނަ އަހަރު އެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4،178 މިލިއަން ރުފިޔާ) ދައްކަން ޖެހުނެ އެވެ.