މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) ރާއްޖެގެ ފިލްމު އިންޑަސްޓްރީއަށް އަލަށް ހަދާ ވެބް ސީރީޒް "ހުވާ"ގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށް ދާކަމަށް "ހުވާ"ގެ ޓީމުން ބުނެފިއެވެ.
"ވަކިވުމުގެ ކުރިން" ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ޓީވީ ޑްރާމާތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ނަހޫ އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކުރާ އެ ސީރީޒްގެ ހުރިހާ މަންޒަރެއް ވަނީ މިދިޔ އޯގަސްޓު މަހުގެ ތެރޭގައި އެއްކޮށް ނަގާ ނިންމާލާފައެވެ.
"ސަން" އާ ވާހަކަ ދައްކަމުން އެ ސީރީޒްގައި މުހިއްމު ރޯލެއް ކުޅެފައިވާ ޑައިރެކްޓަރު ފައިސަލް ބުނީ، ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރަމުން ދާއިރު ޑަބިން ވެސް ކުރިޔަށްދާ ކަމަށެވެ.
"މިހާރު ސީރީޒް އޮތީ ޕޯސްޓު ޕްރޮޑަކްޝަންގަ، ޓީމު ހަމަ އަވަދިނެތި އުޅެނީ މޮޅު އެއްޗެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން" ނަހޫގެ ގިނަ ޑްރާމާ ތަކަކުން ފެނިފައިވާ ފައިސަލް ބުންޏެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ފައިސަލް...
އިތުރަށް ވާހަކަ ދައްކަމުން ފައިސަލް ބުނީ، މިހާރު އެޑިޓިން ވެސް ކުރިޔަށް ދާ ކަމަށެވެ. "ހުވާ" އެޑިޓް ކުރަނީ ނަހޫ އާއި ފައިސަލްގެ އިތުރުން ޔޫސުފް ޝަފީއު(ޔޫއްޕެ) އެވެ.
މީގެ ކުރިން "ހުވާ" ގެ މުހިއްމު ރޯލު ތަކުން ފެނިގެންދާ ތަރިންގެ ޕޯސްޓަރުތައް ސީރީޒްގައި ކިޔާ ނަންތަކާއެކު އާންމުކޮށްފައިވާއިރު "ހުވާ"ގެ ޓީޒާއެއް ވެސް ވަނީ ދައްކާލާފައެވެ. އަދި "ހުވާ" ރިލީޒް ކުރުމުގެ ކުރިން މި މަހުގެ ތެރޭގައި އިތުރު ޓްރެއިލާއެއް ދައްކާލަން މަސައްކަތް ކުރާ ކަމަށް ފައިސަލް ފާހަގަ ކުރިއެވެ.
"ހުވާ" ދެއްކުމަށް ހަމަޖެހިފައިވަނީ އަލަށް ތައާރަފްކުރާ ބައިސްކޯފު އެޕުންނެވެ. އެ އެޕް މި މަހުގެ ތެރޭގައި ލޯންޗު ކުރުމަށް ތައްޔާރުވަމުން އަންނަ އިރު އެޕް ރިލީޒްވާތާ ފަނަރަ ވަރަކަށް ދުވަސްތެރޭ ސީރީޒް ދައްކަން ފަށާނެ ކަމަށް ފައިސަލް ބުންޏެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ރިޝްފާ...
ކ. ގުރައިދޫއާއި މާލޭގެ އިތުރުން ވިލިމާލޭގައި މަންޒަރުތައް ނަގާފައިވާ އެ ސީރީޒްގައި ފެނިގެންދާ ތަރިންގެ މޭކަޕް ތައް ކޮށްދީފައިވަނީ މަޝްހޫރު މޭކަޕް އާޓިސްޓް ހަސަން އާދަމް (މޭކަޕް ހަސަން) އެވެ.
ބޮޑު ބަޖެޓަކާއެކު ހަދާފައިވާ "ހުވާ" ގައި ބޮޑު ކާސްޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ޔޫއްޕެ، ފައިސަލް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ، ޝީލާ ނަޖީބު އަދި އަލީ އާޒިމް (ދޮން އައްޔަ) ފަދަ ތަރިން ހިމެނެއެވެ.