މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ވޯޓް ކަރުދާސްތައް ނައްތާލާއިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މިހާރު އެ ކަރުދާސްތައް "ޝްރެޑް" ކޮށް ނިމިފައިވާ ކަމަށާއި ފަޔާ އެންޑް ރެސްކިއު މެދުވެރިކޮށް ވޯޓު ކަރުދާސްތައް އެކޮށް ނައްތާލުމަށް ހަވާލުކުރަން ނިންމައިފައިވާ ކަމަށެވެ.
"މިއަދުގެ ގަޑިއެއްގައި ނުވަތަ މާދަމާގެ ގަޑިއެއްގައި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އަޅުގަނޑުމެން އެ ކަރުދާސްތައް އަންދާލުމުގެ މަސައްކަތް މިއަދު ކުރާނަން،" ޝަރީފް ވިދާޅުވިއެވެ.
ވޯޓު ކަރުދާސްތައް ނައްތާ ނުލައި ބަހައްޓަން ޖެހޭ މުއްދަތު ފަހަނައަޅައި ގޮސްފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، އެހާ ދުވަސް ވަންދެން ވޯޓު ކަރުދާސްތައް ނައްތާ ނުލައި ބަހައްޓާފައި ވަނީ އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިއުމުން ކަމަށެވެ.
"ވޯޓު ކަރުދާހާއި ވޯޓު ކަރުދާހާ ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް މިހާރު ވާނީ ޝްރެޑްކޮށް ނައްތާލެވިފައި. އޭގެ މާނައަކީ އިންތިހާބާއި ގުޅުންހުރި ލިޔެކިޔުންތައް ނައްތާލީއެކޭ ނޫން،" ޝަރީފް ވިދާޅުވިއެވެ.
އިންތިހާބުގެ ކަން ހިނގި ގޮތުގެ ރިޕޯޓާއި ވޯޓުލީ މީހުންގެ ރަޖިސްޓްރީގެ އިތުރުން އިންތިހާބާ ގުޅޭ އެހެނިހެން ލިޔެކިޔުންތަކަކީ އާންމު އުސޫލުގެ ދަށުން ވަކި މުއްދަތަކަށް ރާއްކާތެރިކޮށް ބަހައްޓަން ޖެހޭ އެއްޗެހިތަކެއްކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
"އިންތިހާބާ ބެހޭ ރިޕޯޓް ތައްޔާރު ކުރުމުގައި ކަން ހިނގި ގޮތުގެ ރިޕޯޓް އިތުރަށް ދިރާސާކޮށް އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދާނަން،" ޝަރީފް ވިދާޅުވިއެވެ.