ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތް ސަބަބުތައް އީސީއިން ކިޔައިދީފި

ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް / ޓްވިޓާ

މިދިޔަ ސެޕްޓެމްބަރު 28 އަދި 29 ވަނަ ދުވަހު ޕީޕީއެމް އިން ބޭއްވި ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް ސަބަބުތައް އެ ކޮމިޝަނުން މިއަދު ހައި ކޯޓުގައި ކިޔައިދީފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަށް ކުރި ހުކުމުގައި އެ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ވަނީ އަންގައިފަ އެވެ. އެ ގައުމީ ޖަލްސާ ބާއްވާފައި ވަނީ ރިޔާސީ އިންތިހާބަށް ފަހު، ސެޕްޓެމްބަރު 28 ވަނަ ދުވަހު އަދި 29 ވަނަ ދުވަހު އެވެ. އެ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ރައީސް ކަމަށް އަބްދުﷲ ޔާމީން ހަތަރު ނައިބު ރައީސުން އިންތިހާބު ކޮށްފަ އެވެ.

ނަމަވެސް، އެ ގައުމީ ޖަލްސާގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮންގްރެސް ބަލައިނުގަންނަން ނިންމައިފަ އެވެ.

އިލެކްޝަންސް އިން ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ޕީޕީއެމްގެ ފަރާތުން ވަނީ ހައިކޯޓަށް ވައްދައިފަ އެވެ.

މިއަދު ހައިކޯޓުގައި އޮތީ އެ މައްސަލައިގެ ފުރަހަމަ އަޑުއެހުމެވެ. އެ އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ވަކީލު އަބްދުﷲ ޒިޔާޒު ވިދާޅުވީ ކޮންގްރެސްއަށް އިލެކްޝަންސްގެ ދެ މަންދޫބުންނަށް ދައުވަތު އެރުވި ކަމަށެވެ. އަދި އެ ދެ މަންދޫބުން ކޮންގްރެސްގައި ހާޒިރުވެ ތިއްބެވި ނަމަވެސް ކޮންގްރެސްގައި ހިނގައި ދިޔަ އެއްވެސް ކަަމަކާ އިއުތިރާޒު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދަށް ކޮންގްރެސްގައި ގެނައި ބަދަލާއި އިންތިހާބު ކުރި ފަރާތްތަކުގެ ތަަފްސީލުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް ސިޔާޒް ވިދާޅުވި އެވެ.

ރައްދުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ރިއްފަތު އަބްދުﷲ ވަނީ ޕީޕީއެމްގެ ކޮންގްރެސްއަށް މަންދޫބުން ވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުން ވަޑައިގަންނަވަން ޕީޕީއެމް އިން އެދިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިލެކްޝަންސް އަށް ލިބިފައި ވަނީ ކޮންގްރެސް ބާއްވަން ކުރި އިއުލާނުގެ ކޮޕީއެއް ކަމަށް ވިދާޅުވި އެވެ.

ކޮންގްރެސްގެ ކުރިން ޕީޕީއެމް އިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދުގެ ހަތަރު މާއްދާއެއް އުނިކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން އާންމުކޮށް އިއުލާންކޮށްފައި ނެތް ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ. އަދި، އެ ކައުންސިލް ބައްދަލުވުމުގެ ޔައުމިއްޔާ މިހާތަނަށް ވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ކަމަށާއި އެ ބައްދަލުވުމުގެ ޔައުމިއްޔާ ކަމަށް ބުނެ ފޮނުވާފައި ވަނީ 2016 ވަނަ އަހަރު ބޭއްވި ކައުންސިލް ބައްދަލުވުމެއްގެ ޔައުމިއްޔާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އިލެކްޝަންްސް ކޮމިޝަނަށް ޕީޕީއެމް އިން ފޮނުވި ލިޔުންތަކުގައި ބައެއް މައުލޫމާތު މަދު ކަމަށާއި އެކަން ފާހަގަކޮށް އެ މައުލޫމާތު ހިމަނަން ޕީޕީއެމްއަށް ސިޓީއަކުން އެންގި ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ. އިލެކްޝަންސް އިން ބުނީ، ޕީޕީއެމްގެ ކޮންގްރެސްގައި ވޯޓު ލި މީހުންގެ ލިސްޓު ހުށަހަޅާފައިވާ އިރު އެ ލިސްޓުގެ ފުރަތަމަ 50 މީހުންގެ ނަން ފިޔަވައި އެމީހުންގެ އިތުރު އެއްވެސް މައުލޫމާތެއް ލިސްޓުގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެން ކަމުން އެ މީހުންގެ އެއްވެސް މައުލޫމާތެއް ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އެއްވެސް ޕާޓީއެއްގައި ރެޖިސްޓްރީ ނެތް 29 މީހުންނާއި، އެމްޑީއޭގެ ދަފްތަރުގައި ހިމެނޭ ހަތް މީހުންނާއި ޑީއާރްޕީގެ ދަފްތަރުގައި ހިމެނޭ ދެމީހުންނާއި ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހަކާއި އުވާލާފައިވާ ޕީޕަލްސް އެލަޔަންގެ ދަފްތަރުގައި ހިމެނޭ މީހަކު ކޮންގްރެސްގައި ވޯޓުލި މީހުންގެ ލިސްޓުގައި ހިމެނޭ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮންގްރެސްގައި ވޯޓު ލާ ބޫތު ހުންނަން ޖެހޭ ގޮތް ގަވާއިދުގެ ދަށުން އެނގެން އޮންނަ އިރު، ވޯޓުލާ ބޫތު ބަހައްޓާފައި ހުރީ ވެސް ސިއްރުކަން ގެއްލޭ ގޮތަށް ކަމަށް ރައްފަތު ވިދާޅުވި އެވެ. އަދި ކޮންގްރެސްގައި ޕީޕީއެމްއަށް ހަތަރު ނައިބު ލީޑަރުން އިންތިހާބުކޮށްފައި ވަނީ ވެސް އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، އެކި މާއްދާތައް ފުށޫއަރާ ކަމަށް ރިއްފަތު ވިދާޅުވި އެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރުންނަށް ތިބެނީ ތިން ބޭފުޅުން ކަމަށެވެ. ނަމަވެސް ކޮންގްރެސްގައި އިންތިހާބު ކުރީ ހަތަރު ނައިބު ލީޑަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރި ނުކުތާތަކަށް ރައްދު ނިމުގެ ކުރިނ އިތުރަށް ދިރާސާ ކުރުމަށް މުއްދަތަކަށް އެދުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ޕީޕީއެމްއަށް ތިން ދުވަގުގެ މުއްދަތެއް ދިފަ އެވެ. އަދި ދެވަނަ އަޑުއެހުން ވަރަށް އަވަހަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޕީއެމް އިން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވާ އިރު، ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ހަވާލު ކުރުމަށް ކަނޑައެޅުމަށް ވެސް އެ ޕާޓީގެ އަމިއްލަ ދެ މެމެބްރަކު ވަނީ ހައިކޯޓަށް މައްސަލަ ވައްދައިފަ އެވެ. މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްލަސަ އެ ކޯޓުން ބަލަން ފަށައިފަ އެވެ.

comment ކޮމެންޓް