ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން އުޅުނުކަމަށް ބުނެ ހައްޔަރު ކުރި ލަންކާގެ "ސްނައިޕަރު" ލަހިރު މަޑޫޝަންކަރަށް ބޮޑެތި އަނިޔާތަކޮށް އޭނާއަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކޮށްފަިއވާ ކަމަށް އިންސާނީ ހައްގުތަކަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.
އެމްނެސްޓީން ނެރުނު ރިޕޯޓްގައި ބުނީ ލަހިރު ހައްޔަރުކުރިތާ ފަސްދުވަސް ފަހުން ފުލުހުންގެ ހެޑްކުއާޓާސްއަށް ގެންގޮސް ސުވާލުކޮށް އޭނާއަށް އަނިޔާކޮށް ހަދައިފައިވާ ކަމަށެވެ. އަދި އެ ތަހުގީގުގެ ތެރޭގައި އަނިޔާކުރުމުގެ ސަބަބުން ހޭވެސް ނެތުނު ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާގެ އެއް ކަންފަތުން އަޑުއިވުމުގައި މައްސަލަތައް ދިމާވި ކަމަށާއި ފުލުހުން އޭނާގެ މޫނަށް ޕިން ހަރައިފައިވާ ކަމަށްވެސް އެ ރިިޕޯޓްގައި ތުހުމަތު ކޮށްފައިވެއެވެ.
އެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި ލަހިރު އަށް އެކަށޭނަ ސިއްހީ ފަރުވާވެސް ގަވައިދުން ފޯރުކޮށްދީފައިނުވާ ކަމަށާއި އަދި އޭނާއަށް ދޭ ކާނާވެސް ސާފުތާހިރު ނޫން ކަމަށެވެ.
ލަހިރު ހައްޔަކުރި ދުވަހުން ފެށިގެން 2016 ވަަނަ އަހަރުގެ އޮގަސްޓުމަހާ ހަމައަށް ތަރުޖަމާނެއްވެސް ފޯރުކޮށްދީފައިނުވާ ކަން އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ގައިދީންނާމެދު ކަންތައްތައް ކުރުމަށް އެކުލަވާލައިފައިވާ ސުލޫކީ މިންގަނޑަށް ރިއާޔަތްކޮށް ލަހިރުއަށް ލިބެންޖެހޭ ހައްގުތައް ނުލިބޭކަމަށް ބުނެ އެކަން މުރާޖާކުރުމަށް ފުލުހުންނަށާއި ކަރެކްޝަނަލް ސާވިސާސްއަށް އެ ރިޕޯޓްގައިއެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވައިލައިފައެވެ.